ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި
ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. ތޯރިގާއި އާދަމް ޝަރީފް މިވަގުތު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ އޭޕްރީލް މަހު ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ގަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް އައްޔަންކޮށްފި ނަމަ، އޭނާ ވެގެންދާނީ ރާއްޖެއިން ގަތަރަށް ކަނޑައަޅާ ފުރަތަމަ ސަފީރަށެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު ގާއިމްކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
Ads by BMLރާއްޖެއާއި ގަތަރާ ދެމެދު 1984 ވަނަ އަހަރު ހާރިޖީ ގުޅުން ގާއިމްކުރި ނަމަވެސް، ރައީސް ޔާމީންގެ ދައުރުގައި އެ ގުޅުން ކަނޑާލުމަށްފަހު އަލުން އިއާދަކުރީ 2021 ވަނަ އަހަރު ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ.
ސަފީރުކަމަށް ހުށަހެޅުއްވި ތޯރިގު އިބްރާހީމަކީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ދައުރުގައި އެންވަޔަރްމެންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުގައި ފުރަތަމަ އެންވަޔަރްމެންޓް މިނިސްޓަރުކަން އަދި ފަހުން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވުމަށްފަހު އޭނާ
ކެބިނެޓުން ވަކިވެވަޑައިގަތީ މިދިޔަ މަހު އެވެ.
އާދަމް ޝަރީފް އުމަރަކީ ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
މި ސަރުކާރުގެ ސިޓީސް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
Ads by MACL
