ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސީޝެލްސްގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެއްރީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މާލެ ވަޑައިގެންފިއެވެ.

މިއީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ވަޒީރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނެވެ. މި ދަތުރުފުޅަކީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށްވާތީ، މިއީ ދެ ގައުމުގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ސީޝެލްސްގެ ވަޒީރު، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުން ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ބަދަހި ރަހުމަތްތެރިކަން ހާމަވެގެންދެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގައި ދެ ގައުމުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދޭ އަހައްމިއްޔަތު މި ދަތުރުފުޅުން ރަމްޒުކޮށްދެއެވެ.