އެމްޑީޕީން އިސްވެ ކުރި މުޒާހަރާގައި ފުލުހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފި
މާލޭގައި ރޭ އެމްޑީޕީން އިސްވެ އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާގެ ތެރެއިން، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ހިންގި ނާތަހުޒީބީ އަމަލުތަކެއްގެ ސަބަބުން ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ރޭ މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި ކުރިއަށްދިޔަ މި އެއްވުމަކީ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން އިންތިޒާމުކުރި ހަރަކާތެކެވެ. ނަމަވެސް، މި ހަރަކާތް ނިމިގެންދިޔައީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ އަނިޔާވެރި އަމަލުތަކަކާ އެކުގައެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލައި، ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގައި، އެތަނުގައި ހުރި ފުލުހެއްގެ ލޯމަތި ފަޅައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަނިޔާވި ފުލުސް މީހާގެ ލޮލުން ލޭ އޮހި، މޫނުމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިއީ ސިޔާސީ ހަރަކާތެއްގެ ނަމުގައި ނުކުމެ، ގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ތިބޭ މުއައްސަސާތަކަށް އަމާޒުކޮށް ހިންގި ވަރަށް ދަށު ދަރަޖައިގެ، ނާތަހުޒީބީ އަމަލެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އާންމު ދަތުރުފަތުރަށް ހުރަސްއަޅައި، މަގުތަކުގެ އަމާންކަން ގެއްލުވާލާފައެވެ. ފުލުހުން މުޒާހަރާ ރޫޅާލުމަށް ދަންވަރު 12:30 ހާއިރު އެސްއޯ ފުލުހުންނާއެކު ނުކުތުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި 2 އަންހެނުންނެވެ.
ސިޔާސީ ބޭނުމަކަށްޓަކައި ނުކުމެ، ޔުނީފޯމް އަޅައިގެން ތިބޭ ފުލުހުންނަށް ޖިސްމާނީ ގޮތުން ހަމަލާދީ އަނިޔާކުރުމަކީ އެއްވެސް ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ހަރުކަށި އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
Ads by MACL
