ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު މަޖިލީހުން ފާސްކޮށްފި
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ބިލު ދިރާސާކުރުމަށްފަހު އިޖުތިމާޢީ ކޮމިޓީގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރުމަށް ނިންމާފައެވެ.
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ރާއްޖޭގައި، އިންސާނުންގެ ގުނަވަންތަކާއި ގުނަވަންތަކުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ. މި ބިލާއެކު ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ އެންމެނަށް ވާސިލްވެވޭނެ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާނެ ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
Ads by BMLމި ބިލުގައި ވަނީ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ޚިދުމަތްދޭ ފަރާތްތަކާއި އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްގުތަކާއި ޒިންމާތައް ހިމަނުއްވާފައެވެ.
ބިލުގައި ބަޔާންކުރައްވާފައިވާގޮތުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ނުވަތަ ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހީންގެ ތެރެއިން އެކަމަށް އަމިއްލަ އިޚްތިޔާރުގައި ރުހޭ، ބުއްދި ސަލާމަތުން ހުރި މީހަކަށް ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ފާސްވެ، ޤާނޫނަކަށްވުމާއެކު 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އުފައްދާނެއެވެ. އެ ކައުންސިލަކީ ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާތިލުކުރުމާއި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކައުންސިލެކެވެ. އަދި މި ޚިދުމަތްދޭ މަރުކަޒުތަކުގައި ޝަރުތުތައް ފުރިހަމަވެފައިވޭތޯ ކައުންސިލުން ބަލަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.
Ads by MACL
