ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ-އީރާން ހަމަލާތައް ހުއްޓުމަކަށް އައި ފަހުން ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކޮށްފި

އެމެރިކާ-އީރާން ހަމަލާތައް ހުއްޓުމަކަށް އައި ފަހުން ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކޮށްފި

އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ އަސްކަރީ ހަމަލާތައް ވަގުތީގޮތުން މެދުކަނޑައިލި ފަހުން، އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ބޮޑުތަނުން އިތުރުކޮށް، އަސްކަރީ ހަރަކާތްތައް ފުޅާކޮށްފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއަކުން ހާމަކޮށްފިއެވެ.

ހަނގުރާމަތަކާއި ހަމަލާތައް މޮނިޓަރުކުރާ 'އޭސީއެލްއީޑީ' (ACLED) އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު މަހާ އަޅައިބަލާއިރު އެޕްރީލް މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ނިސްބަތް ވަނީ 35 އިންސައްތަ އިތުރުވެފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، އެޕްރީލް 8 ވަނަ ދުވަހު އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލުކުރުން ހުއްޓައިލި ފަހުން ވޭތުވެދިޔަ ފަސް ހަފުތާގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 120 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 8 އަންހެނުންނާއި 13 ކުޑަކުދިން ހިމެނޭއިރު، މިއީ އީރާނާ ދެކޮޅަށް ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރާ އަޅައިބަލާއިރު 20 އިންސައްތަ އިތުރު އަދަދެއްކަމަށް އޭސީއެލްއީޑީން ބުނެއެވެ.

ޣައްޒާގެ ޚާން ޔޫނިސްގެ ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތަކު ބުނިގޮތުގައި، ކަރުދާހުގައި ހަމަލާތައް ހުއްޓައިލާފައިވާ ކަމަށް ލިޔެފައި އޮތް ނަމަވެސް، ބިމުގެ ހަގީގަތަކީ އަދިވެސް ހަނގުރާމަ ހުއްޓުމެއްނެތް ގޮތުގައި ކުރިއަށްދިއުމެވެ. އޭނާ އިތުރަށް ބުނިގޮތުގައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ހަމަލާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މީގެކުރިން އޮކްޓޫބަރު މަހުގެ ތެރޭގައި ޣައްޒާގެ އޮޕަރޭޝަންތައް ނިމުމަކަށް އައިސްފައިވާ ކަމަށް އިސްރާއީލުން ބުނެފައިވީ ނަމަވެސް، ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިސްރާއީލް ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެ ސަރަހައްދުތަކުގައި ހުރި އާންމުންގެ ގެދޮރާއި ބިނާތައް ސުންނާފަތިކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.

އެމެރިކާ އާއި ޤަޠަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބައެއް ހަމަލާތައް މަޑުޖައްސައިލި ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާއިން 850 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހަމަ މި މުއްދަތުގައި ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ދިން ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ 4 މީހަކު ވަނީ މަރުވެފައެވެ.

ޣައްޒާގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައް ހިސާރުކޮށް، އެ ގައުމުގެ އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވެސް އިސްރާއީލުން ވަނީ ފުޅާކޮށްފައެވެ. ލުބުނާނަށް ދޭ ހަމަލާތައް ހުއްޓައިލުމަށް އެމެރިކާ މެދުވެރިވެގެން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދެއްކި ނަމަވެސް، އެއްގަމާއި ވައިގެ މަގުން ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.