ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ނުފެނިދާނެ!

ވޯލްޑް ކަޕް 2026: މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ނުފެނިދާނެ!

އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެނިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. މިކަމުގެ އިޝާރާތެއް ލިބިފައިވަނީ ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ދާދި ފަހުން ދިން އިންޓަވިއުއެއްގައެވެ.

ޖަރުމަނުގެ ޕްރެސް އެޖެންސީ ޑީޕީއޭ އަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ބުނީ، ރޮނާލްޑޯ ސައުދީ އަރަބިއްޔާއަށް ބަދަލުވި ފަހުން އޭނާގެ ފެންވަރު ދަށްވި އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި، އޭނާގެ ކިބައިގައި އަދިވެސް މޮޅުވުމުގެ ވަރުގަދަ އަޒުމެއް އެބަހުރި ކަމަށެވެ. ނަމަވެސް، ކޮންމެ ކުޅުންތެރިއަކުވެސް ގައުމީ ޓީމުން ޖާގަ ހޯދުމަށްޓަކައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މާޓިނޭޒް ބުނި ގޮތުގައި ކުރީގެ ކާމިޔާބީތަކަކީ ޓީމުން ޖާގަ ކަށަވަރުވާނެ ކަމެއް ނޫނެވެ.

"އަހަރެން ގައުމީ ޓީމަށް ކުޅުންތެރިން ހޮވާއިރު، ކުރީގަ ހޯދާފައި ހުރި ކާމިޔާބީތަކަށް ނުބަލާނަން، އެ ހެޔޮ ކިތަންމެ ކާމިޔާބީއެއް ހޯދާފައި ހުއްޓަސް. ބޭނުންވަނީ ޓީމަށް %100 ދޭ، ފިޓް ކުޅުންތެރިން،" މާޓިނޭޒް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކެޕްޓަނެއްގެ ހައިސިއްޔަތުންނާއި އާދަޔާ ހިލާފު ހުނަރެއް ހުރި ކުޅުންތެރިއަކަށް ވީނަމަވެސް، އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ރޮނާލްޑޯގެ މައްޗަށްވެސް ޒިންމާތަކެއް އޮންނާނެ ކަމަށެވެ.

މާޓިނޭޒް ވަނީ ދާދި ފަހުން ސައުދީއަށް ދަތުރުކޮށް، އަލް-ނަސްރުގެ ޓްރެއިނިންގތަކާއި މެޗުތައް ބަލާފައެވެ. އޭނާ ބުނީ ރޮނާލްޑޯ ފިޒިކަލީ ފިޓްކޮށް ހުރުމަށް ކުރާ މަސައްކަތާއި އޭނާގެ ކިބައިގައި ހުރި ޒުވާން ޖޯޝް ފެނިފައި ހައިރާންވި ކަމަށެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަނުގައި 26 ގޯލު ޖަހައި، އޭނާގެ ފެންވަރު އަދިވެސް ހުރީ އެންމެ މަތީގައިކަން ސާބިތުކޮށްދީފައެވެ.

ވޯލްޑް ކަޕަށްދާ 26 ކުޅުންތެރިންގެ ރަސްމީ ސްކޮޑް މާޓިނޭޒް އިއުލާންކުރާނީ އަންނަ އަންގާރަ ދުވަހުއެވެ. ރޮނާލްޑޯ ސްކޮޑުގައި ހިމެނިއްޖެނަމަ، މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ވެގެންދާނެއެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ގައި ހިއުސްޓަންގައި ޑީއާރު ކޮންގޯއާ ދެކޮޅަށެވެ. ޕޯޗުގަލް ހިމެނޭ ގްރޫޕް ކޭ ގައި ދެން އޮތީ އުޒްބެކިސްތާނާއި ކޮލަމްބިއާއެވެ.