ބާސެލޯނާގެ ތަރި ލަމީން ޔަމާލް ފަލަސްތީނު ދިދަ ވިހުރުވާލުމުން އިޒްރޭލުގެ ދިފާއީ ވަޒީރު ރަތަށް!
ސްޕެނިޝް ލީގުގެ ތަށި ކާމިޔާބުކުރުމަށްފަހު ބޭއްވި އުފާފާޅުކުރުންތަކުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ބޭނުންކުރުމާ ގުޅިގެން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އިސްރާއީލުގެ ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ "ނަފުރަތު އުފެއްދުމަށް" ހިންގި އަމަލެކެވެ.
އުމުރުން 18 އަހަރުގެ ޔަމާލް ފަލަސްތީނުގެ ބޮޑު ދިދައެއް ވިހުރުވަމުން ދިޔައީ ހޯމަ ދުވަހު ބާސެލޯނާގެ މަގުތަކުގައި ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑްގައެވެ. ކްލަބުން ލީގު ތަށި ކާމިޔާބުކުރުން ފާހަގަކުރުމަށް ބޭއްވި މި ޕެރޭޑުގައި ގާތްގަނޑަކަށް 750,000 މީހުން ބައިވެރިވި ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުގެ ވަޒީރު އިސްރާއީލް ކަޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އޮކްޓޯބަރު 7 ގައި ޔަހޫދީ ކުޑަކުދިންނާއި، އަންހެނުންނާއި އަދި ދޮށީ އުމުރުގެ މީހުން މަރައި، ރޭޕްކޮށް އަދި އަންދާލި ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހަނގުރާމަކުރަމުންދާއިރު، ލަމީން ޔަމާލް އިޚްތިޔާރުކުރީ އިސްރާއީލާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް" ކަމަށެވެ.
Ads by BMLމުސްލިމް ކުޅުންތެރިއެއް ކަމަށްވާ ޔަމާލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައިވެސް ފަލަސްތީނު ދިދަ ހިފައިގެން ހުރި ފޮޓޯތައް ހިއްސާކޮށްފައެވެ. ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައާ މެދު ސްޕެއިންގެ ސަރުކާރާއި އެ ގައުމުގެ ގިނަ ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އަޑުއުފުލަމުންނެވެ. މިގޮތުން ފުޓްބޯޅަ، ބައިސިކަލް ރޭސް އަދި ބާސްކެޓްބޯޅަ ފަދަ ކުޅިވަރުގެ މައިދާންތަކުގައިވެސް އިސްރާއީލާ ދެކޮޅަށް މުޒާހަރާތައް ދަނީ ފެންނަމުންނެވެ. މީގެ އިތުރުން، އިސްރާއީލުން ބައިވެރިވާތީ މިއަހަރުގެ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓްކުރާ ފަސް ގައުމުގެ ތެރޭގައިވެސް ސްޕެއިން ހިމެނެއެވެ.
ލަމީން ޔަމާލަކީ އަންނަ ޖޫން އަދި ޖުލައި މަހު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ސްޕެއިން ގައުމީ ޓީމުން ފެންނާނެ މުހިންމު ކުޅުންތެރިއެއް ކަމަށް ބެލެވެއެވެ.
Ads by MACL
