ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައިންސްވެރިންގެ އިންޒާރެއް ފީފާއަށް: ގަދަ ހޫނުން ކުޅުންތެރިން ރައްކާތެރިނުކޮށްފި ނަމަ ހިތާމަކުރަން ޖެހިދާނެ!

ސައިންސްވެރިންގެ އިންޒާރެއް ފީފާއަށް: ގަދަ ހޫނުން ކުޅުންތެރިން ރައްކާތެރިނުކޮށްފި ނަމަ ހިތާމަކުރަން ޖެހިދާނެ!
އުތުރު އެމެރިކާގެ ތިން ގައުމު ކަމަށް ވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅުންތެރިން ގަދަހޫނުން ރައްކާތެރިވުމަށް ފީފާއިން ކަނޑައަޅާފައިވާ ފިޔަވަޅުތަކަކީ އެންމެ އެކަށީގެން ވާ ފިވަޔަޅުތަކެއް ނޫން ކަމަށާއި، މީގެ ސަބަބުން ކުޅުންތެރިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިންގެ ޕެނަލަކުން ދީފިއެވެ. ދުބާއީގައި ހާމަކުރި މި ރިޕޯޓުގައިވާ ގޮތުން، މިހާރު ރޭވިފައިވާ ފިޔަވަޅުތަކަކީ ސައިންޓިފިކް ހޯދުންތަކަށް ބަލާއިރު ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

މިހާރު ފީފާއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ހާފެއްގައި ތިން މިނެޓުގެ ކޫލިންގ ބްރޭކެއް ދިނުމާއި، ބެންޗުގައި ތިބޭ މީހުންނަށް ފިނިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް، ސިއްހީ އަދި މޫސުމީ މާހިރުންގެ ގްރޫޕަކުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗަރ 32 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން ފިޔަވަޅު އެޅުމަށް އޮންނަ އުސޫލަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތުގެ 16 ސްޓޭޑިއަމްގެ ތެރެއިން 14 ސްޓޭޑިއަމެއްގައި ހޫނުމިން ނުރައްކާތެރި މިންވަރަކަށް މައްޗަށް ދާނެ ކަމަށް ދިރާސާވެރިން ލަފާކުރެއެވެ. ޚާއްސަކޮށް އެމެރިކާގެ ދެކުނު ސަރަހައްދުތަކާއި މެކްސިކޯގެ އުތުރުގައި ދުވާލުގެ ވަގުތުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއާ ގާތްކުރާނެ ކަމަށް ބެލެވެއެވެ.

"މިހާރު ހުރި އުސޫލުތަކަކީ އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކާ އެއްގޮތްވާ ކަންކަމެއް ނޫން،" ސައިންސްވެރިން ބުނެފައިވެއެވެ.

ޔޫކޭ، ޔޫއެސްއޭ، ކެނެޑާ އަދި އޮސްޓްރޭލިއާގެ 20 މާހިރުން ސޮއިކޮށްފައިވާ މި ސިޓީގައި އެދިފައިވަނީ ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗަރ 28 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނަމަ މެޗުތައް ފަސްކުރުމަށެވެ. އަދި ކޫލިންގ ބްރޭކްތައް މަދުވެގެން ހަ މިނެޓަށް އިތުރުކުރުމަށާއި، ކުޅުންތެރިންގެ ޔޫނިއަން އިން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް އަމަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ހޫނުމިނުގެ މައްސަލަ ބޮޑުވިއެވެ. އެ ފަހަރު ފީފާއިން ނިންމީ މުބާރާތް އާންމުކޮށް ބާއްވާ ހޫނު މޫސުމުގެ ބަދަލުގައި ފިނި މޫސުމުގައި (ނޮވެމްބަރު/ޑިސެމްބަރު) ބޭއްވުމަށެވެ. އަދި ސްޓޭޑިއަމްތަކުގައި އެންމެ ޒަމާނީ ފިނިކުރާ ނިޒާމުތައް ގާއިމުކުރިއެވެ. ފީފާއިން ބުނާ ގޮތުގައި ގަތަރުގެ މުބާރާތަކީ މޫސުމީ ގޮންޖެހުންތަކާއެކުވެސް ރައްކާތެރިކަމާއެކު މުބާރާތް ބޭއްވިދާނެކަމުގެ ހެއްކެކެވެ.

ފީފާއިން ބުނެފައިވަނީ ކުޅުންތެރިންނާއި، ރެފްރީން އަދި ސަޕޯޓަރުންގެ ސަލާމަތަށް އެ އިދާރާއިން އަބަދުވެސް އިސްކަންދޭނެ ކަމަށާއި، މުބާރާތް ރޭވުމުގައި މޫސުމީ ނުރައްކާތަކަށް ރިއާޔަތްކުރަމުންދާ ކަމަށެވެ.