ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަރު އެއާޕޯޓުގައި މެޓް އޮބްޒަވޭޓަރީއެއް ގާއިމުކުރުމަށް އައިއޭއެސްއާ އެކު އެއްބަސްވެއްޖެ

މާފަރު އެއާޕޯޓުގައި މެޓް އޮބްޒަވޭޓަރީއެއް ގާއިމުކުރުމަށް އައިއޭއެސްއާ އެކު އެއްބަސްވެއްޖެ

ނ. އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން، އެ އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާއި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އާ ދެމެދު މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ސޮއިކުރެއްވިއިރު، މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.

އާ އޮބްޒަވޭޓަރީގެ ސަބަބުން މާފަރު އެއާޕޯޓަށް ޖައްސާ އަދި ފުރާ ބޯޓުތަކަށް ބޭނުންވާ މޫސުމީ އެންމެ ފަހުގެ މައުލޫމާތާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

އައިއޭއެސްގެ އެމްޑީ އިބްރާހިމް އިޔާސް ފާހަގަކުރެއްވި ގޮތުގައި މިއީ އެއާޕޯޓުގެ ސަލާމަތީ މިންގަނޑުތައް މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ޕައިލެޓުންނަށާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް މޫސުމީ މައުލޫމާތު ލިބުން އަވަސްވެ، އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގެ އުތުރު ސަރަހައްދުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގައި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މާފަރުގައި މި ގާއިމުކުރާ މަރުކަޒަކީ ރާއްޖޭގައި ހުޅުވޭ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީއެވެ. މިފަދަ ހިދުމަތެއް އެ ސަރަހައްދުގައި ފެށުމަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިއޭއެސް އިން ދެކެއެވެ.