ވޯލްޑް ކަޕް ބަލަންދާ ސަޕޯޓަރުންގެ ވިސާއަށް އެމެރިކާއިން ލުއިތަކެއް ދީފި
އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެމެރިކާއަށް ޒިޔާރަތްކުރާ ބައެއް ގައުމުތަކުގެ ސަޕޯޓަރުންގެ އަތުން ވިސާ ބޮންޑުގެ ގޮތުގައި ފައިސާ ނެގުމަށް އޮތް އުސޫލަށް ލުއިތަކެއް ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ވޮޝިންގްޓަނުންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިޖުރަކުރުން ކޮންޓްރޯލް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ތަރައްގީވަމުން އަންނަ 50 ގައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުމަށް 5،000 އާއި 15،000 ޑޮލަރާ ދެމެދުގެ އަދަދެއް ބޮންޑުގެ ގޮތުގައި ބަހައްޓަންޖެހެއެވެ. މި ފައިސާއަކީ އެމީހަކު އެނބުރި ގައުމަށް ދިއުމުން އަނބުރާ ލިބޭ ފައިސާއެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި، މެޗުތަކުގެ ޓިކެޓް ކުރިން ގަނެފައިވާ ސަޕޯޓަރުންނަށް މި ބޮންޑު ދައްކާކަށް ނުޖެހޭނެއެވެ.
Ads by BML"އަޅުގަނޑުމެންގެ މަގްސަދަކީ އެމެރިކާގެ ގައުމީ ސަލާމަތް ވަރުގަދަކުރަމުން، ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުން،" ކޮންސިއުލާ އެފެއާޒްގެ އެސިސްޓަންޓް ސެކްރެޓަރީ މޯރާ ނަމްދާރު ވިދާޅުވިއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން އަލްޖީރިއާ، ކޭޕް ވާޑް، އައިވަރީ ކޯސްޓް، ސެނެގާލް އަދި ޓިއުނީޝިއާގެ ރައްޔިތުންނަކީ އާންމު އުސޫލުން ބޮންޑު ދައްކަންޖެހޭ ގައުމުތަކެވެ. ދިރާސާތަކުން ދައްކާގޮތުގައި 15،000 ޑޮލަރަކީ މި ގައުމުތަކުގެ މީހުންގެ ތިން އަހަރުގެ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ. އެހެންކަމުން މި ލުއިތަކަކީ އެ ގައުމުތަކުގެ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ފީފާގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާ ސަރުކާރާއި ވައިޓް ހައުސްގެ ޓާސްކް ފޯހާ ގުޅިގެން ކުރެވޭ މި މަސައްކަތަކީ ތާރީޚީ އަދި ކާމިޔާބު މުބާރާތެއް ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ޖޫން 11 ވަނަ ދުވަހު ފަށާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.
Ads by MACL
