ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް: ޚުތުބާ

ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް: ޚުތުބާ

މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކުގެ ތެރެއިން ވެސް އެންމެ މާތް މައްސަރަކީ ޙައްޖު މަސް ކަމަށާއި، އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް އަންނަ އެންމެ މާތް ދުވަސްތައް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މި ދިހަ ދުވަހުގެ މާތްކަން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެއެވެ.

ހެޔޮ އަމަލުކުރުމަށް އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް

ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ އަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކެވެ. ރަސޫލާގެ ޙަދީޘްފުޅަކާ ހަވާލާދީ ޚުތުބާގައި ބުނީ، "މި ދިހަ ދުވަހަށްވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.

މިނދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމަ ޖިހާދުކުރުމަށްވުރެ ވެސް އިތުރުވެގެންވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

މި ދުވަސްތަކުގައި ކުރެވިދާނެ ހެޔޮ އަމަލުތައް

މި މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ތެދުވެރި ތައުބާއަކުން ތައުބާވުމަށާއި، ގިނަގިނައިން ރޯދަހިފުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހު (ޢަރަފާތް ދުވަހު) ހިފާ ރޯދައަކީ އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ އަމަލެއްކަން ހަނދާންކޮށްދިނެވެ. މީގެ އިތުރުން ތަކުބީރު ކިޔުމާއި، ޛިކުރުކުރުމާއި، ޞަދަޤާތް ދިނުމަކީ ވެސް މި ދުވަސްވަރުގެ މުހިންމު ސުންނަތްތަކެވެ.

އުޟުޙިޔާ ކަތިލުމާއި ޙައްޖުގެ އަޅުކަން

ޙައްޖު މަހުގެ މާތްކަން ބޮޑުވާ އެއް ސަބަބަކީ ނަމާދާއި، ރޯދައާއި، ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީ ކަމަށް ޚުތުބާގައި ބުންޏެވެ. ތަނަވަސްކަން ހުރި މީހުން އުޟުޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ އަމަލަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ކަމުގައި ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ނުބައި ކަންކަމުން ދުރުހެލިވުން

ޚުތުބާ ނިންމާލަމުން ވަނީ، މި މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފިތުނަ އުފެއްދުން ފަދަ ނުބައި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.

ހެޔޮ އަމަލުތަކަކީ މާތް ﷲގެ ރަޙުމަތް ލިބޭ ސަބަބެއް ކަމަށާއި، ފާފަތަކަކީ އެކަލާނގެ ނިޢުމަތްތަކުން މަޙުރޫމުވާނޭ ސަބަބެއްކަން ހަނދާންކޮށްދީ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލާފައިވެއެވެ.