ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތީ ހައިރާންކުރުވަނިވި، އަދި އެހާމެ އާދަޔާ ހިލާފު މަންޒަރުތަކެކެވެ.
ޚާއްޞަކޮށް ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ހަޔާތްޕުޅާއި، އެބޭފުޅުންގެ މެދުގައި އޮތް ގުޅުން ބަދަލުވަމުންދިޔަ ގޮތަކީ ދިވެހި ސިޔާސީ މަޝްރަހުގެ "ބަދަލު ހިފުމުގެ" ސަގާފަތް ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2013-2018) އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަމެއް އުފެދުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލެވުނު ހިސާބުންނެވެ. ޓެރަރިޒަމްގެ ދަޢުވާގައި ނަޝީދު 13 އަހަރަށް ޖަލަށް ހުކުމް ކުރެވުނެވެ. އޭރު ނަޝީދުގެ ސަޕޯޓަރުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަން ސިފަކުރީ ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުގައެވެ.
ނަމަވެސް، ވެރިކަމުގެ ފުރޮޅިގެންދިޔަ ގޮތުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމާއެކު، މަންޒަރު މުޅިން ބަދަލުވިއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދަޢުވާތައް އުފުލި، އެމަނިކުފާނު ޖަލަށް ލެވުނެވެ.
މިކަމުގެސަބަބުން، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި "އެއް ބަޔަކު އަނެއް ބަޔަކު ޖަލަށްލުމުގެ" ސިލްސިލާއެއް އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށިއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގައި ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަކީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ނަޒަރުގައި ނުހައްގު އަދަބެކެވެ. މިއީ ރާއްޖޭގެ އެންމެ ނުފޫޒުގަދަ ތިން ލީޑަރުންގެ މެދުގައި އޮތް ވާދަވެރިކަމާއި، ވެރިކަމުގެ ބާރު ބޭނުންކޮށްގެން ސިޔާސީ ހަތުރުން ނައްތާލުމުގެ އުސޫލު ފެނިގެންދިޔަ ދަނޑިވަޅެކެވެ
ސިޔާސީ މަޝްރަހަކީ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ އެއްޗެއްކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން ސާފުވެއެވެ. އިއްޔެ އެކަކު އަނެކަކު ޖަލަށްލާން ވަކާލާތު ކުރި ބޭފުޅުން، މިއަދު އެއް މޭޒެއްގެ ދޮށުގައި ތިއްބަވައިގެން ސިޔާސީ މަޝްވަރާތައް ކުރައްވާ މަންޒަރަކީ ދިވެހި ރައްޔިތުންނަށް އައު މަންޒަރެއް ނޫނެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު އެމް.ޑީ.ޕީ އިން ވަކިވެވަޑައިގަތުމަކީ މި ބަދަލުގެ ފެށުމެވެ.
މިހާރު ސިޔާސީ މަޝްރަހު އެނބުރެމުންދަނީ މި ތިން ބޭފުޅުންގެ މެދުގައި އޮތް "ހަތުރުވެރިކަން" "މަސްލަހަތަށް" ބަދަލުވަމުންދާ މިސްރާބަކަށެވެ. ވަކިން ޚާއްޞަކޮށް، މިހާރުގެ ސަރުކާރާ ދެކޮޅަށް މި ތިން ލީޑަރުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެކަން އިޢުލާން ކުރެއްވުމަކީ ދިވެހި ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ބޮޑު ބަދަލެކެވެ. އެއް ބަޔަކު އަނެއް ބަޔަކު ޖަލަށްލައި، އަނިޔާވެރިކަމުގެ ތުހުމަތު އެކަކު އަނެކަކަށް ކުރެއްވި ބޭފުޅުން މިއަދު އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ ސިޔާސީ ގޮތުން އެ ބޭފުޅުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށް ބެލެވެއެވެ.
މި ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެކެވެ. ފުރަތަމަ ކަމަކަށް، މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި މި ލީޑަރުންނަށް އޮތް އިތުބާރު ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ އިއްޔެ އެކަކު އަނެކަކު "ވަގަށް" ގޮވައި، "އަނިޔާވެރިޔާ" ގެ ލަގަބު ދިން ބޭފުޅުން މިއަދު އަތާ އަތް ގުޅާލުމުން، އެބޭފުޅުންގެ ކުރީގެ ވާހަކަތަކުގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭތީއެވެ.
ނަމަވެސް، ސިޔާސީ ގޮތުން ބަލާއިރު މިއީ ވަރުގަދަ އިއްތިހާދަކަށް ވެދާނެއެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ސިޔާސީ ފިކުރު އެއްވުމުން، މިހާރު އޮތް ސަރުކާރަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުވާނެއެވެ. ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ މަގުމަތީގެ ހަރަކާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރިމަތިކުރުވާ ފިއްތުންތައް އިތުރުވާ މަންޒަރެވެ.
ނިންމާލަމުން ދަންނަވާނަމަ، ދިވެހި ސިޔާސީ މައިދާނަކީ ދާއިމީ ހަތުރުންނާއި ދާއިމީ މިތުރުން ތިބޭ ތަނެއް ނޫނެވެ. އޮންނަނީ ހަމައެކަނި ދާއިމީ މަސްލަހަތެވެ. "ޔާމީންގެ ވެރިކަމުގައި ނަޝީދު ޖަލަށް، ޞާލިޙުގެ ވެރިކަމުގައި ޔާމީން ޖަލަށް" މި ސުރުޚީ މިއަދު ބަދަލުވެފައިވަނީ "އަމިއްލަ މަސްލަހަތަށްޓަކައި އެންމެން އެކުގައި" މި ސުރުޚީއަށެވެ. މީގެ ނަތީޖާއަކީ ގައުމަށް ފައިދާހުރި ގޮތަކަށް ވާނެތޯ ނުވަތަ އަނެއްކާވެސް އައު ބަދަލު ހިފުމެއްގެ ފެށުންތޯ ބަލަން ތިބެމާ ހިނގާށެވެ.