ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ޖަޕާނުން 26 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި

ވޯލްޑް ކަޕް 2026: ޖަޕާނުން 26 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި
އަންނަ ޖޫންމަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އެ ގައުމުގެ 26 ކުޅުންތެރިންގެ ސްކޮޑް މިއަދު އިއުލާންކޮށްފިއެވެ.
މި ސްކޮޑުގައި ރެއާލް ސޮސިއެދާދަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޓަކެފޫސާ ކޫބޯ ހިމެނިފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ގެއްލިފައެވެ.

މިޓޯމާ އާއި މިނަމީނޯ އަށް އަނިޔާގެ ސަބަބުން ފުރުސަތު ގެއްލިއްޖެ

ބްރައިޓަންގެ ވިންގަރ ކައޯރޫ މިޓޯމާ އަށް މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބުނީ މިދިޔަ ހަފްތާ ބަންދުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ޖަޕާނުގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނީ މިޓޯމާގެ އަނިޔާއާއި ގުޅީގެން މެޑިކަލް ޓީމުން ބެލި ބެލުމުން މުބާރާތް ކުރިއަށްދާއިރު އޭނާ ފިޓްނަސް ރަނގަޅު ނުވާނެ ކަމަށެވެ. މީގެ އިތުރުން މޮނާކޯއަށް ކުޅޭ ޓަކޫމީ މިނަމީނޯއަށް ވެސް ވަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސްކޮޑުން ފުރުސަތު ގެއްލިފައެވެ.

ޓޮމިޔާސޫ އެނބުރި ޓީމަށް

އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމާ ދުރުގައި ހުރި އަޔެކްސްގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ ވަނީ މިފަހަރުގެ ސްކޮޑުގައި ހިމަނާފައެވެ. އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށްފަހު މިހާރު އަޔެކްސްއަށް ކުޅެމުން އަންނަ ޓޮމިޔާސޫ އެންމެ ފަހުން ޖަޕާނަށް ކުޅެދީފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު ސީރިއާއާ ދެކޮޅަށެވެ.

ޖަޕާނުގެ ސްކޮޑް

ގޯލްކީޕަރުން: ޒިއޯން ސުޒުކީ، ކެއިސޫކޭ އޮސާކޯ، ޓޮމޯކީ ހަޔަކާވާ.

ޑިފެންޑަރުން: ޔޫޓޯ ނަގަޓޯމޯ، ޝޯގޯ ޓަނިގުޗީ، ކޯ އިޓަކޫރާ، ސުޔޯޝީ ވަޓަނާބޭ، ޓަކެހީރޯ ޓޮމިޔާސޫ، ހިރޯކީ އިޓޯ، އަޔޫމޫ ސެކޯ، ޔުކިނާރީ ސުގަވާރާ، ޖުންނޮސޫކޭ ސުޒުކީ.

މިޑްފީލްޑަރުން: ވަޓާރޫ އެންޑޯ، ޖުންޔާ އިޓޯ، ދައިޗީ ކަމާޑާ، ރިޓްސޫ ދޯއާން، އާއޯ ޓަނަކާ، ކައިޝޫ ސާނޯ، ޓަކެފޫސާ ކޫބޯ، ޔުއިޓޯ ސުޒުކީ.

ފޯވާޑުން: ދައިޒެން މަައެޑާ، ކޯކީ އޮގާވާ، އަޔާސޭ އުއެޑާ، ކެއިޓޯ ނަކަމޫރާ، ކެންޓޯ ޝިއޮގާއީ، ކެއިސޫކޭ ގޯޓޯ.

ޖަޕާނުގެ ވޯލްޑް ކަޕް ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ޖަޕާނުގެ އަމާޒަކީ މިފަހަރުގެ މުބާރާތުގައި ގަދަ 16 އަށްވުރެ ކުރިއަށް ދިއުމެވެ.