ޝިއާއު މަރުގެ މައްސަލަ: ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ, ފިނިފެންމާގޭ ޢަލީ ޝާހިލްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ޝާހިލްގެ މައްޗަށް ސާބިތުވި ދެ ދައުވާއަކާ ގުޅިގެން އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވަނީ މި ހިނގާ މޭ މަހުގެ ހަ ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ބާވަތް ސިއްރުކޮށްގެން ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ހައިކޯޓުން ވެސް މި މައްސަލަ ކުރިއަށްގެންދަނީ ސިއްރު މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، މި އިސްތިއުނާފީ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
Ads by BMLޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ހ. ޝީރީންވިލާ ގޭގެ ތެރެއިން ފެނުނީ އޮގަސްޓް 6، 2022 ގައެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި، ޝިއާއު މަރުވާން މެދުވެރިވީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އަދި އޭނާ މަރާލުމަށް ފަހުގައި ވެސް ހަށިގަނޑަށް ބޮޑެތި ލޭއޮހޮރުވުންތަކާއި އަނިޔާތައް ދީފައިވާކަން އެ ރިޕޯޓުން ކަށަވަރުވެއެވެ.
ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވީ ނަމަވެސް، އޭނާގެ މައްޗަށް ކުރާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ހިމެނޭހެން އިތުރު ބައެއް ދައުވާތަކުގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އެ ކޯޓުން ކުރިން ބުނެފައިވާ ގޮތުގައި، މި މަހުގެ ތެރޭގައި އެ މައްސަލައިގެ ނިހާއީ ހުކުމް އިއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވި ދުވަސްވަރު، އޮގަސްޓް 7، 2022 ގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައިގެ ޝަރީއަތަށް މިހާރު ތިން އަހަރުވެފައިވާއިރު، ކޯޓު މަރުހަލާގައި ޝާހިލް ބޭނުންކުރި ކަމަށް ބުނާ ވަޅިތައް ވެސް ހެކީގެ ގޮތުގައި ވަނީ ދައްކާފައެވެ.
Ads by MACL
