ގެއްލުނު ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަން ރައީސް މުޢިއްޒު ބައްލަވާލައްވައިފި
ވ. އަތޮޅު އެތެރެވަރީގެ ފުން ސަރަޙައްދެއްގައި ހުރި ކޭވްއަކަށް ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަސް ޑައިވަރުން ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަން ހިނގަމުންދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި، މަސައްކަތްތައް ކުރިއަށްދާގޮތް މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއޮޕަރޭޝަން ހިނގަމުންދާ ސަރަޙައްދަށް ވަޑައިގަތުމުން، އެމްއެންޑީއެފްގެ ކަމާބެހޭ އިސްބޭފުޅުން ވަނީ މީހުން ހޯދުމަށް ރާވާފައިވާ ޕްލޭނާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެކި ޓީމުތަކަށް ބަހާލައިގެން ކަނޑާއި ވައިގެ މަގުން ސަރޗް އޮޕަރޭޝަން ކުރިއަށްދާއިރު، ރެސްކިއު ޓީމުން މިހާތަނަށް އެއް ޑައިވް ފުރިހަމަކޮށް، ދެވަނަ ޑައިވްއަކަށް ތައްޔާރުވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ގެއްލުނު މީހުންގެ ޢާއިލާތަކަށާއި އިޓަލީގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރި ތަޢުޒިޔާއެއް ވިދާޅުވެފައެވެ. އަދި މިހާތަނަށް ނުފެނި ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ނުހަނު އިސްކަންދީގެން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މި އޮޕަރޭޝަންގައި އިޓަލީ ސަރުކާރުން ފޯރުކޮށްދޭ އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
https://twitter.com/MMuizzu/status/2055247640787624071?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2055247640787624071%7Ctwgr%5E5e8fd6570aa30f52c55395740d2be80c382a7ad7%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F2055247640787624071އިޓަލީގެ ފަސް ޑައިވަރުން ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، މި މަސައްކަތުގައި އެ ސަރަޙައްދުގައި އޮތް ސަފާރީއެއްގެ އިތުރުން ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހިތާމަވެރި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 އެހާކަންހާއިރު މޫދު އަޑިން ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި އުޅުނު ސަފާރީގެ ޑައިވަރުންނަށެވެ. އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (200 އެއްހާ ފޫޓު) އަޑީގައި އޮތް ކޭވްއެއްގެ ބޭރުންނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ތިބޭނެ ކަމަށް ލަފާކުރެވެނީ 200 ފޫޓުގެ ދިގުމިން ހުރި އެ ކޭވްގެ އެތެރޭގައެވެ.
މި ޙާދިސާ ހިނގި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ޑައިވަރުން ފީނާ އުޅޭ ހިސާބުތަކަށްވުރެ މާ ފުން، އަދި ޚާއްސަ ޓެކްނިކަލް އާލާތްތަކެއް ބޭނުންކޮށްގެން ނޫނީ ނުފީނޭ ފަދަ ނުރައްކާތެރި ތަނެކެވެ. ސަލާމަތީ ޚާއްސަ ފިޔަވަޅުތަކާއެކު ހަމައެކަނި ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ޑައިވަރުންނަށް ނޫނީ ނުދެވޭނެ އެ ސަރަޙައްދުގެ ކޭވް ފެށެނީ 45 މީޓަރު އަޑިން ކަމަށާއި، ކޭވްއިން ނިކުމެވޭ ހިސާބު ހުރީ 60 މީޓަރު އަޑީގައި ކަމަށް ސިފައިން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ކުރިއަށްގެންދާ މި ހައި-ރިސްކް އޮޕަރޭޝަންގެ ފުރަތަމަ ޑައިވްގައި ކޭވް ހުރި ސަރަޙައްދު ދެނެގަނެ، ބެލޫން ބޭނުންކޮށްގެން ވަކި ހިސާބަކަށް އަޑިއަށްގޮސް ވަނީ ބަލާފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރަކަށް ގާތްގަނޑަކަށް 60 މީޓަރު އަޑީގައި މިފަދަ މަސައްކަތެއް ކުރުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް 'ޣާޒީ' އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް އެބަގެންދެއެވެ.
Ads by MACL
