ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަން މާދަމާ ހާއްސަ އޯޕަންޑޭއެއް ބާއްވަނީ

އެސްއެމްއީ ޑިޖިޓަލް ---
އެސްއެމްއީ ޑިޖިޓަލް ---

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް ޝަރީއާ ހަމަތަކަށް ފެތޭ އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކޮށްދިނުމަށްޓަކައި މާދަމާ ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި ކުރިއަށްދާ މި ހަރަކާތަކީ ލޯނުތައް ރީފައިނޭންސް ކުރުމުގެ ހުރިހާ މަރުހަލާތަކެއް ވަގުތުން ވަގުތަށް ނިންމާލުމަށް ހުޅުވާލި ފުރުސަތެކެވެ.

މި ބަދަލު ގެނައުމަށް ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ރީފައިނޭންސިން އޮފާތައް ފޮނުވާފައެވެ. އެހެންކަމުން އޯޕަންޑޭއަށް ވަޑައިގަތުމުގެ ކުރިން ޕޯޓަލްއަށް ވަދެ ލިބިފައިވާ އޮފާގެ ތަފްސީލުތައް ބައްލަވާލެއްވުމަށް އެސްއެމްއީ ޑިޖިޓަލް އިން އިރުޝާދުދެއެވެ.

މި ހަރަކާތަށް ވަޑައިގަންނަވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު އޮފާތައް ދިރާސާކޮށް، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އޮފާ ގަބޫލުކުރަން ބޭނުންވާ ކަސްޓަމަރުންނަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސިންގެ ހުރިހާ ކަމެއް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މި ކަމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑު ގެންނަންވާނެ ކަމަށް ބޭންކުން ބުނެއެވެ.

ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކި ތިބި ފަރާތްތަކަށް އައު އެއްބަސްވުމާއެކު ކުރިއަށް އޮތް ހަ މަސްދުވަހު ރަނގަޅަށް ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމުގެ ފުރުސަތު ލިބި، ކުރިމަގުގައި އިތުރު ފައިނޭންސިން ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި، މި ބަދަލަކީ އެ ބޭންކަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ހިދުމަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެޅުނު ބޮޑު ފިޔަވަޅެކެވެ.