ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެރިކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ތިން ރައީސުންވެސް އެއްބަސްވެ ވަޑައިގެންފި

ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުބުމުގެ ތެރެއިން -- ފޮޓޯ: ސަން
ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުބުމުގެ ތެރެއިން -- ފޮޓޯ: ސަން

އެ ބޭފުޅުންގެ ވެރިކަމުގެ ދައުރުތަކުގައި ގައުމު ހިންގެވުމުގައި އެންމެ އެދެވޭ ގޮތެއްގައި ކަންކަން ކުރެވިފައި ނުވާކަމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެއްބަސްވެވަޑައިގެންފިއެވެ.

ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ރައީސުން ވަނީ، މާޒީގައި ކަންކަން ކުރެވުނު ގޮތް މުރާޖައާ ކުރައްވައި، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައެވެ. މިގޮތުން، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ތިން ރައީސުން ގުޅިގެން ކުރައްވާ މަސައްކަތުގެ ފުރަތަމަ ޑިމާންޑެއްގެ ގޮތުން ސަރުކާރަށް ގޮވާލެއްވީ، ސަރުކާރުން ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކޮށް، އެ ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެތެރޭގެ ކޮންޝެންސް އެބަ ބުނޭ، ރާއްޖޭގެ ސްޓްރެސް ލެވެލް މިވަރަށް އުފުލިގެންދާއިރު އަޅުގަނޑުމެންގެ ޒިންމާއެއް އެބަ އޮތް،" ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތިން ރައީސުން އެކީގައި ނުކުންނަވަން ޖެހިވަޑައިގަތީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް އިސްވެ ކަންތައްތަކެއް ކުރަން ޖެހިއްޖެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި ގައުުމުގެ ކަންކަން ދަނީ ހީކުރި ވަރަށް ވުރެ ވެސް ގޯސް މަގުން ކަމަށާއި، އެހެންކަމުން ގައުމު ސަލާމަތް ކުރުމަކީ މިއަދު ހަމަ ކޮންމެ ރައްޔިތަކުމެ ކުރަން ޖެހޭނޭ ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.