އަދީބަށް ދިނީ ޖިނާއީ ލުޔެއް، ފައިސާ ހޯދަން މި ސަރުކާރަށް ހުރަހެއް ނެތް: ސޯލިހު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދީފައިވަނީ ހަމައެކަނި ޖިނާއީ މައްސަލައިގެ ލުޔެއް ކަމަށާއި، އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އަދީބަށް ދީފައިވަނީ ހަމައެކަނި ޖިނާއީ މައްސަލައިގެ ލުޔެއް ކަމަށެވެ. އަދި އޭގެ އަނެއް ފަޅިއަކީ މަދަނީ ގޮތުން ފައިސާ ހޯދުން ކަމަށާއި، އެ މައްސަލަތައް ހުންނާނީ ބަލައި ނިންމައި ޝަރީއަތް ކުރާ ހިސާބުގައި ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ.އަދީބަށް ލުއިދިނުމުގައި ގާނޫނީ އިމުގެ ތެރެއިން ކަރެކްޝަންސްގެ ލަފަޔަށް ބައްލަވާފައިވާނެ ކަމަށް ވިދާޅުވަމުން ސޯލިހު ވަނީ، ކުރީގެ ތިން ރައީސުން އެކުވެގެން މަސައްކަތް ކުރަން ޖެހުނީ މިހާރުގެ ސަރުކާރުގެ ކަންކަން މާ ބޮޑަށް ގޯސްވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވެރިކަމަކީ ވެސް އެންމެ ފުރިހަމައަށް ކުރެވުނު ވެރިކަމަށް ނުވެދާނެ ކަމަށާއި ސުވާލު އުފެދޭ ކަންކަން ހުރެދާނެ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ސޯލިހު ތަކުރާރުކުރެއްވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތަކީ ހުއްޓިފައި އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި އަހުމަދު އަދީބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިން ރައީސުން ބޭއްވި ބައްދަލުވުމަށްފަހު އެ ބޭފުޅުންނާ ބެހޭގޮތުން ދައްކަވާނެ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވި އަދީބާއި އަބްދުﷲ ޒިޔަތު، ރައީސް ސޯލިހުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް މައާފުދީ މިނިވަންކުރީ 2023 ވަނަ އަހަރުގައެވެ.
Ads by BML
Ads by MACL
