އެއީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް 3 ބޭފުޅުން، އެއްބަސްވުން ފެނުމުން އަންނަނީ ހިނި: ފަލާހް
ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުالله ޔާމީނާއި، އިބްރާހިމް މުހައްމަދު ސޯލިހަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ތިން ބޭފުޅުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރަން ކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައިވެސް، ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ބޭފުޅުން އެދޭ ގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް ސުވާލު ކުރުމުން ހުއްޓުވާފައިވާ ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ. ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދު މަރާލި ވާހަކަ ދެއްކުމުންނާއި، އެ މަރުތަކުގެ ތަހުގީގު ސޯލިހުގެ ވެރިކަމުގައި ނުކުރި ވާހަކަ ބުނުމުން ގޯސްވި ކަމަށާއި، އަދި އަބްދުالله ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުންވެސް ގޯސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ބޭފުޅުންނަށް ދެން ހޯދައިދެވޭނީ ކޮން މިނިވަންކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އެ ބޭފުޅުން ސޮއިކުރެއްވި އެއްބަސްވުމުގައި ޝަރުއީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން ހިނި އަންނަ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
Ads by BMLނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ފަލާހް ވިދާޅުވީ، އެމަނިކުފާނު ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލައި، ކޯޓުތަކުގައި ތަޅު އަޅުވައި، ކޯޓުތައް އަންދާލާފައި ކަމަށެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލާފައިވާއިރު، އެމްއެންބީސީގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން ފެންނަން އެހުރީ ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމާ ގުޅޭގޮތުން ފަލާހް ވިދާޅުވީ، ކޯޓުގެ ޓިނު ނަގައި ގާޒީންނަށް ބިރު ދައްކާފައިވާ ކަމަށާއި، އެޗް. ދަވާލިއަށް ބަލާލުމުން ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ ކަމަށެވެ. މީގެ އިތުރުން 12 މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކޮށް، ނޫސްވެރިންގެ އަނގަމަތީ ޓޭޕް އަޅައި، އެމަނިކުފާނުގެ ބޭބޭފުޅު (ރައީސް މައުމޫން) ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލައި އަނިޔާކުރި ކަމަށްވެސް ވިދާޅުވިއެވެ.
ސޯލިހުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، އެމަނިކުފާނު ގައުމު ބޭއްވީ 60 ބިލިޔަން ރުފިޔާއިން ދަރުވާލައި، ދަރަނި ދަންތުރައެއްގެ ތެރޭގައި ކަމަށެވެ. އަދި ވެންޓިލޭޓަރުގެ ނޭވާ ހޮޅިންނާއި ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގާފައިވާ ކަމަށާއި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ސުޕްރީމް ކޯޓުގެ ބެންޗް އެއްކޮށް އަދި ހައިކޯޓުގެ ގާޒީން ވަކިކުރި ކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލައި، ފޯޅަވަހި ދޫކޮށްލީވެސް ފައިސާއަށް ކަމަށް ވެދާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިއީ އެ ބޭފުޅުންނަށް ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، ދެން އެ ބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެއުއެދޭނެ މިންވަރާ މެދު ވިސްނާލުމަށް ފަލާހް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ކިބައިގައި އޮތީ ހުސް އަމިއްލަ އެދުމެވެ.
Ads by MACL
