ތިން ރައީސުންނަށް ކުރީގެ ބޮޑެތި މައްސަލަތައް މިހާރު "އޯކޭ" ވެއްޖެ، މިއީ އަމިއްލަ އެދުމުގެ އިންތިހާ: އަބްދުއްރަހީމް
ތިން ރައީސުންނަށް ކުރީގެ ބޮޑެތި މައްސަލަތައް މިހާރު "އޯކޭ" ވެއްޖެކަމާއި، މިއީ އަމިއްލަ އެދުމުގެ އިންތިހާ ކަމަށް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ބަނަފްސާ) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ ކުރީގެ ތިން ރައީސަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކާއި ހިޔާނާތުގެ އަމަލުތައް މިހާރު އެ ބޭފުޅުންނަށް ބަލައިގަނެވޭ "އޯކޭ" ކަމަށެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުގެ އިތުރުން، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމުގެ މައްސަލައާ އެކު، ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކީ ވެސް މާޒީގައި ހިނގާފައިވާ ބޮޑެތި އަދި ނުރައްކާތެރި މައްސަލަތަކެއްކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ އަދި ކުޑަ މިންވަރެއް ކަމަށާއި، ނަމަވެސް މިހާރު މިތިއްބެވި ތިން ރައީސުންނަށް މި ހުރިހާ ކަމެއް ވެސް "އޯކޭ" ވެފައިވާ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެ ބޭފުޅުން ކުރިން ދެއްކެވި ހުރިހާ ވާހަކަތަކެއް ބަދަލުވެ، "ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމިއްޖެ" ކަމަށެވެ. އަދި މިއީ އަމިއްލަ އެދުމުގެ އިންތިހާ ކަމަށް ސިފަކުރައްވައި، އެ ބޭފުޅުންގެ އަމަލުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
Ads by MACL
