ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރީގެ ތިން ރައީސުންގެ އިއްތިހާދަށް މުހައްމަދު އިސްމާއީލްގެ ހޫނު ރައްދެއް: "ރައްޔިތުންނަކީ މޮޔައިންނެއް ނޫން"

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ---
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ---

ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ސިޔާސީ މަސައްކަތްޕުޅުތަކެއް ފެއްޓެވުމަށް ނިންމެވި ނިންމެވުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވައިފިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބޭފުޅުން އެއްގަލަކަށް އަރައިވަޑައިގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވާއިރު، ރައްޔިތުންނަކީ މާޒީގެ ކަންކަން ހަނދާން ނުހުންނަ ބައެއް ކަމަށް ދެކެވަޑައިގަންނަވާތީ ހައިރާންވެއެވެ. އެ ތިން ބޭފުޅުންގެ ވެރިކަމުގެ ދައުރުތަކުގައި ހިންގާފައިވާ އެކި "ޖަރީމާތައް" މިއަދުވެސް ދިވެހި ރައްޔިތުންގެ ހަނދާނުގައި ވަރަށް ތާޒާކޮށް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ދާދި ފަހުން ހިނގާދިޔަ ކަންތައްތަކެއް ފަދައިން އެ ތިން ވެރިންގެ ދައުރުގައި ހިންގި ކަންކަން ރައްޔިތުން ހަނދާން އެބަހުރި ކަމަށާއި، އެހެންކަމުން އެ ބޭފުޅުން ރައްޔިތުންނަކީ އެއްވެސް ވިސްނުމެއް ނެތް މޮޔައިން ކަމަށް ދެކެނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މިއަދު "ގައުމުގެ ދިފާއުގައި" ނުވަތަ "ނޫސްވެރިކަމުގެ ދިފާއުގައި" ކަމަށް ވިދާޅުވެ އެ ބޭފުޅުން މައިދާނަށް ނުކުންނަވާއިރު ލަދުގަންނަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގައުމަށް ހެޔޮއެދިގެން ކުރައްވާ ކަމެއް ނޫން ކަމަށާއި، ކުރިން ލިބެމުންދިޔަ "ބައިބަރުތައް" ނުލިބި ލަސްވުމުން، އަލުން ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވާ އުޅުއްވުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މާޒީގެ ސަފުހާތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވަނީ ޖީއެމްއާރު (GMR) އެގްރީމަންޓުގެ މައްސަލައާއި، އެމްޑަބްލިއުއެސްސީ (MWSC) އާއި ދިރާގުން އަމިއްލަ ޖީބުތަކަށް ފައިސާ އެޅި ކަމަށް ބުނާ މައްސަލަތައް ހަނދާންކޮށްދެއްވާފައެވެ. މީގެ އިތުރުން ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރުމާއި، ފަނޑިޔާރުން ވަގަށް ނެގުމުގެ އިތުރުން ގާނޫނާ ހިލާފަށް ފަނޑިޔާރުން މަގާމުން ވަކިކުރި ހާދިސާތައްވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މީޑިއާތަކަށް ދީފައިވާ ހަމަލާތަކަށް އިޝާރާތް ކުރައްވައި، ޑީޓީވީ އާއި ރާއްޖެ ޓީވީގައި ހުޅުޖެހިއިރު ވެރިކަމުގެ ހުންގާނުގައި ތިއްބެވީ ކޮން ބޭފުޅުންނެއްކަން ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވިއެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ރޭގަނޑުގެ ނިދި ނަގާލައިގެން އުޅޭ އުޅުމުން ރައްޔިތުންނަށް ހުރިހާ ކަމެއް ވަރަށް ސާފުވާ ކަމަށާއި، ނަމަވެސް ދެނެއް ދިވެހި ރައްޔިތުން އެ ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކާ މި ގައުމުގެ ވެރިކަން ހަވާލު ނުކުރާނެ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ، ގައުމީވަންތަ ވެރިއަކު (ރައީސް ޑރ. މުހައްމަދު މުއިއްޒު) ގައުމަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުން މިވަގުތު ކެތްތެރިކަން އިސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.