ކުރެވުނީ 'މާތާހިރު' ވެރިކަމެއް ނޫން ކަމަށް އަމިއްލައަށް އިއުތިރާފުވުން؛ މައާފަށް ވެސް ނޭދުނު!
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ އެންމެ އާދަޔާޚިލާފު އެއް މަންޒަރަކީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި، ރައީސް ނަޝީދު އަދި ރައީސް ސޯލިހް އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ބޭއްވި މި ބައްދަލުވުމުގައި، އެ ބޭފުޅުން އުންމީދު ކުރެއްވީ މިހާރުގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެވޭނެ ފުރުސަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ކަން ހިނގީ މުޅިން އިދިކޮޅަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެ ތިން ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި ހުރަސްތަކާއި، ނޫސްވެރިންނަށް ދިން އަނިޔާތަކުގެ ހަނދާންތައް ވަރަށް ސާފުކޮށް އާކޮށްދީފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ލިޔުނު ޚަބަރަކާ ގުޅިގެން ނޫސްވެރިން ހައްޔަރުކޮށް ބިޑިއަޅުވައިގެން ކޯޓަށް ގެންދިޔަ ހާދިސާތަކާއި، ދައުލަތުގެ މީޑިއާއަށް ނުފޫޒު ފޯރުވި ގޮތުގެ ވާހަކަތައް ނޫސްވެރިން ފާހަގަކުރިއެވެ.
ހަމައެއާއެކު، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް 'ހަވީރު' ބަންދުކުރަން ޖެހުނު ހާލަތާއި، ޓީވީ ސްޓޭޝަންތައް އެތައް ލައްކަ ރުފިޔާއަކުން ޖޫރިމަނާކޮށް، ނޫސްވެރިކަމަށް އޮތް ބިރުވެރިކަން ސިފަކޮށްދިނެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގައި ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކާއި ދެކޮޅުހެދުމަކާ އެކުވެސް، މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ފާސްކުރި ހަނދާންތައް ވެސް ނޫސްވެރިން އާކުރިއެވެ.
މި ހުރިހާ ސުވާލުތަކެއް ކުރިމަތިވުމުން، ތިން ރައީސުންނަށް ވެސް ޖެހިވަޑައިގަތީ އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ރަނގަޅަށް ނުދާކަމަށް އެއްބަސްވެވަޑައިގަންނަވާށެވެ. އެ ބޭފުޅުން ކުރެއްވީ 'މާތާހިރު' ވެރިކަމެއް ނޫން ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަތެވެ. ނަމަވެސް، ހިތާމަޔަކީ އެހާ ބޮޑެތި ގޯސްތަކަކަށް އިއުތިރާފުވީއިރުވެސް، ނޫސްވެރިންގެ ކިބައިން ނުވަތަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާނެ ހިތްވަރެއް އެ ބޭފުޅުންގެ ކިބައިގައި ނެތްކަމެވެ.
ތިން ރައީސުން ގުޅިގެން ނެރުއްވި ސްޓޭޓްމަންޓުގައި ކޯޓުތަކުގެ މަރުހަލާގައި ހުރި ކަންކަމަށް ނުފޫޒު ފޯރުވަން ސަރުކާރަށް ގޮވާލާފައިވެއެވެ. މިއީ ގާނޫނީ ގޮތުން ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ނަމަވެސް، އެ ބޭފުޅުންގެ ވެރިކަމުގައި ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާތީ މިހާރުވެސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ހީފުޅުކުރެއްވީ ކަމަށް ބެލެވެއެވެ. މުޅި ބައްދަލުވުމުން ފެނިގެންދިޔައީ ތިން ބޭފުޅުންގެ މެދުގައި އެއްވެސް އަމާޒެއް ނެތް ކަމާއި، އެއްބޭފުޅަކު އަނެއް ބޭފުޅަކާ މެދު އޮތް އިތުބާރު ކުޑަކަމެވެ.
މި ބައްދަލުވުމަކީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ކުރި މަސައްކަތެއް ނަމަވެސް، މީގެން ހާމަވެގެންދިޔައީ މާޒީގައި ހިންގާފައިވާ ނުރަނގަޅު އަމަލުތަކުގެ ހަގީގަތެވެ. ގޯސްތަކަށް އިއުތިރާފުވުމަކީ އިސްލާހުވުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވިޔަސް، މައާފަށް އެދުމުގެ ސިފަ ނެތުމުން އެ ބޭފުޅުންގެ އިޚްލާޞްތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
Ads by MACL
