ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ދައްކަވަންހުރިތަނެއް ދައްކަވާފައި ގެންދަވާނީ"

"ދައްކަވަންހުރިތަނެއް ދައްކަވާފައި ގެންދަވާނީ"

ގެންދަވާނީ ދައްކަވަންހުރި ތަނެއް ދައްކަވާފައި ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙުމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށް ބުނެ، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ބޭއްވި ބައްދަލުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ޝިޔާމްގެ މި މެސެޖަކީ ސީދާ ކޮން ކަމަކާ ގުޅިގެން ކުރެއްވި މެސެޖެއްކަން ރަސްމީކޮށް ސާފުނުވި ނަމަވެސް، މިއީ އިދިކޮޅު ތިން ރައީސުން ގުޅިގެން ފެއްޓެވި މަސައްކަތަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ބެލެވެއެވެ. ރާއްޖޭގެ ކަންކަން ގޯސްވެފައިވާ ކަމަށް ބުނެ ތިން ރައީސުން ރޭ ބައްދަލުކުރައްވައި، ވަނީ ވަކި ކަންތައްތަކަކަށް އެއްބަސްވެވަޑައިގެންފައެވެ.

ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ބޭއްވި މި ބައްދަލުވުމަށްފަހު ގުޅިފައިވާ ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވަނީ ކޯޓު ޙުކުމަކާ ގުޅިގެން ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫހަކާ ދެކޮޅަށް ކޯޓުގައި ހިނގަމުންދާ ޝަރީޢަތެއް ހުއްޓާލުމަށެވެ.

ނަމަވެސް، މިއީ ސަރުކާރަށް ސީދާ ކުރެވޭނެ ކަންކަމެއް ނޫނެވެ. ބެލެވޭ ގޮތުގައި އެ ތިން ބޭފުޅުންގެ ވެރިކަމުގައި ކޯޓުތަކުގެ ތެރެއިން އެފަދަ ކަންކަން ކުރައްވާފައިވާތީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އެފަދައިން ކަންކަން ކުރައްވާނެ ކަމަށް ހީފުޅުކުރައްވައި އެކަމަށް ގޮވާލެއްވީ ކަމަށް ބެލެވެއެވެ.

ބަޔާން ނެރުއްވުމަށްފަހު ތިން ރައީސުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ކޮންމެ މީޑިއާއަކަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ ބައްދަލުވުމުން ފެނިގެންދިޔައީ ތިން ބޭފުޅުން ފެއްޓެވި މަސައްކަތުގައި އެއްވެސް އަމާޒެއް ނެތް ކަމާއި، އެ ބޭފުޅުންގެ މެދުގައި ވެސް އެކަށީގެންވާ ގުޅުމެއް ނެތް ކަމެވެ.