ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 208,937 އަށް!

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 208,937 އަށް!

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 208,937 އަށް އަރާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ 'އައްޑޫ ބިޒްނަސް ޑައިލޮގް' ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޚްސާން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހޯދިފައިވާ ކުރިއެރުންތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 2023 ނޮވެންބަރު 12 އިން ފެށިގެން މި ހިނގާ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓްތައް ބެލެހެއްޓުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

މާލީ އަދި ގާނޫނީ ކުރިއެރުންތައް


ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޞައްޙަ ވިސާ އޮތް އަދި ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ވޯކް ޕާމިޓްގެ ނިސްބަތް ވަނީ 20 އިންސައްތައިން 66 އިންސައްތައަށް އިތުރުވެފައެވެ. އަދި ޞައްޙަ ވިސާ ނެތް އަދި ފައިސާ ނުދައްކާ ހުރި ޕާމިޓްތަކުގެ ނިސްބަތް 80 އިންސައްތައިން 34 އިންސައްތައަށް ވަނީ ދަށްކުރެވިފައެވެ. މީގެ އިތުރުން، 2012 ވަނަ އަހަރުގެ ކުރީގެ ޑޭޓާގައި ހިމެނޭ ވެރިފައި ނުވާ 86,741 ވޯކް ޕާމިޓްގެ އަދަދު މިހާރު ވަނީ 19,904 އަށް މަދުކުރެވިފައެވެ.

ބަޔޯމެޓްރިކް ރަޖިސްޓްރޭޝަން


ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތުންވެސް ބޮޑު ކާމިޔާބީއެއް ވަނީ ހޯދިފައެވެ. އެގޮތުން 10 އިނގިލީގެ ނިޝާނާއި ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދު 27,200 އިން 202,224 އަށް ވަނީ އިތުރުވެފައެވެ. އަދި ރާއްޖޭގައި ވޯކް ޕާމިޓާއެކު މަސައްކަތްކުރާ މީހުންގެ ތެރެއިން ބަޔޯމެޓްރިކްސް ނުނަގާ ތިބި މީހުންގެ އަދަދު 181,737 އިން 10,756 އަށް ވަނީ ދަށްވެފައެވެ.

އެންފޯސްމަންޓް މަސައްކަތްތައް


އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، ގިނަ ބިދޭސީން ޞައްޙަ ވިސާ އޮތް ނަމަވެސް، ހުއްދަ ދޫކޮށްފައިވާ ތަން ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރަމުންދެއެވެ. ވަކިން ޚާއްޞަކޮށް 'އޯޕަން ވީޒާ' ގެ ނަމުގައި އަމިއްލައަށް ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާ ހޯދާ ފަރާތްތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ޤަވާއިދާ ޚިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުން އަދި އާންމު ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.