ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްރާންސްގެ ޒުވާން ތަރި އަޔޫބް ބުއައްދީ ފްރާންސް ދޫކޮށް މޮރޮކޯގެ ގައުމީ ޓީމަށް!

ފްރާންސްގެ ޒުވާން ތަރި އަޔޫބް ބުއައްދީ ފްރާންސް ދޫކޮށް މޮރޮކޯގެ ގައުމީ ޓީމަށް!

ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އަޔޫބް ބުއައްދީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މޮރޮކޯ ތަމްސީލުކުރުމަށް ނިންމައިފިއެވެ.

ފްރާންސަށް އުފަން، ނަމަވެސް މޮރޮކޯގެ މައިންބަފައިންނަށް އުފަން ބުއައްދީގެ ގައުމީ ޓީމު ބަދަލުކުރުމުގެ ހުއްދަ ފީފާއިން މިހާރު ވަނީ ދީފައެވެ. މިއީ ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކުރިން މޮރޮކޯއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރޯޔަލް މޮރޮކަން ފުޓްބޯލް ފެޑެރޭޝަނުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ފީފާގެ ޕްލޭޔާސް ސްޓޭޓަސް ޗޭމްބަރުން ވަނީ ބުއައްދީގެ ސްޕޯޓިން ނޭޝަނަލިޓީ ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފައެވެ. މިއާއެކު، ބައިނަލްއަގުވާމީ ހުރިހާ މުބާރާތްތަކެއްގައި މޮރޮކޯ ތަމްސީލުކުރުމުގެ ފުރުސަތު އުމުރުން 18 އަހަރުގެ ބުއައްދީއަށް މިހާރު ވަނީ ހުޅުވިފައެވެ.

ބުއައްދީ މީގެ ކުރިން ވަނީ ފްރާންސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެދީފައެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ ޔޫރަަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ލަގްޒެމްބާގާ ދެކޮޅަށް ކުޅުނު ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައެވެ. ނަމަވެސް، ސީނިއާ ލެވެލްގައި އޭނާ އިޚްތިޔާރުކުރީ މޮރޮކޯއެވެ.

ފްރާންސްގެ ލީގު 1 ގެ އެންމެ އުންމީދީ އެއް ހުނަރުވެރިޔާގެ ގޮތުގައި ބެލެވޭ ބުއައްދީއަކީ ލިލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ފާއިތުވި ތިން ސީޒަނުގައި އެ ކްލަބަށް 90 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އޭނާއަކީ 16 އަހަރާއި ތިން ދުވަހުގައި ޔޫރަޕްގެ ކްލަބް މުބާރާތެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ.

މޮރޮކޯއަކީ ދެ ގައުމުގެ ރައްޔިތުންގެ ގޮތުގައި ތިބޭ ހުނަރުވެރި ކުޅުންތެރިން އެ ގައުމުގެ ޓީމަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ގައުމެކެވެ. އެގޮތުން ދާދި ފަހުން ފުލަމްގެ ޑިފެންޑަރު އިއްސާ ދިއޮޕް އާއި އަޔަކްސްގެ ރަޔާން ބޫނިދާ ވެސް ވަނީ މޮރޮކޯއަށް ކުޅެން ނިންމާފައެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ އެފްރިކާ އަދި އަރަބި ގައުމު ކަމަށްވާ މޮރޮކޯ ހިމެނެނީ ބްރެޒިލް، ހެއިޓީ އަދި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގައެވެ.