ރައީސް މުއިއްޒާއި، މެޑަމް ސާޖިދާއަކީ ރިވެތި އަޚްލާގާއި ސުލޫކު ފަހަނައަޅާ ދާނެ ބޭފުޅުންނެއް ނޫން، އަދި ވާޖިބަށް ވެސް ފުރަގަސް ނުދެއްވާނެ!
ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަކީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ސާބިތުވެ ތިއްބެވި، އަދި ޤައުމީ ވާޖިބުތަކަށް ފުރަގަސްނުދެއްވާނެ ބޭފުޅުންކަމަށް ބަޔާންކޮށް، އެ ބޭފުޅުންގެ އަބުރަށް އަރައިގަތުން ހުއްޓާލުމަށް މިނިސްޓަރ އެޓް ޕްރެޒިޑެންޝިއަލް ޕެލެސް، އިޤުބާލު އާދަމް ގޮވާލައިފިއެވެ.
ރައީސްގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ބޭފުޅުންނާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކާއި، އިސްތަށިފުޅުގައި އަޅުވަމުންދާ ދޮގު އިލްޒާމުތައް ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން ރިވެތި އަޚްލާޤުގެ އިމުގެ ތެރެއަށް ރުޖޫޢަވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
"ތެދެކެވެ! ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބަސްބުނުމުގެ ޙައްޤަކީ މާތްވެގެންވާ އިސްލާމްދީން އެންމެހައި މުސްލިމްތަކުންނަށް ކަށަވަރު ކޮށްދެއްވާފައިވާ އިޖުމާލީ އަދި މުފްރަދު ޙައްޤެކެވެ. އެހެނަސް އެއީ އިންސާނާގެ މައްޗަށް ލާޒިމުވެގެންވާ ވާޖިބުތަކަކާއި، އިންތަކަކާއި، މިންތަކަކާއި، ޙުދޫދުތަކެއްގެ ތެރޭގައި ހިފޭއްޓިގެންވާ ގޮތުގައެވެ. އެއީ ޙައްޤާއި ބާޠިލު ވަކިކޮށްދެމުންނެވެ."
ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫންކަން ފާހަގަކޮށް، އިޤްބާލު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރައީސްގެ ޢަޒުމަކަށް ނުވަތަ އެމަނިކުފާނުގެ މަސައްކަތްޕުޅުގެ މުރާލިކަމަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށެވެ.
"އާދެ! ދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީވެސް ޖާގައެއް ނުދެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީން އެފަދަ ކަންކަމަކަށް ހުއްދަ ނުދޭތީއެވެ. ވީއިރު، މީހުންގެ އަބުރާބެހުމާއި، ހުތުރު އެއްޗެތި ކިއުމާއި، މީހުންގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅުވުމާއި، ދޮގު މަޢުލޫމާތުގެ އެހީގައި މަސްލަޙަތު ގެއްލުވާލުމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލޭފަދަ ކަންކަން ޤަޞްދުގައި ކުރުމާއި، އެއްވެސް ޙައްޤަކާނުލައި މީހުންގެ ޛާތީ ދިރިއުޅުމުގެ ކަންކަމާ ބެހުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫނެވެ."
ރައީސް މުޢިއްޒާއި މެޑަމް ސާޖިދާއަކީ ކެތްތެރި، ހިތްތިރި ބޭފުޅުންކަން ފާހަގަކުރަމުން، އެ ބޭފުޅުންނަކީ އިސްލާމްދީނުގައި ހުއްދަނޫން ކަންކަމާއި، ޤާނޫނާ ޚިލާފުވުމާއި، ނުފޫޛު ފޯރުވުން ފަދަ ކަންކަމާ ދުރުހެލި ބޭފުޅުން ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނަމަވެސް، އެއީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި ބޭނުންކުރަންޖެހޭ ޙައްޤެއްކަން އިޤްބާލް ވަނީ ހަނދާންކޮށްދީފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައިވެސް، ދީނުގެ އަޞްލަކާ ޚިލާފުވުމަކަށް ޖާގައެއް ނެތެވެ. އެހެންކަމުން، މީހުންގެ އަބުރާ ބެހުމާއި، ދޮގު އިލްޒާމު އެޅުވުމާއި، ޒާތީ ދިރިއުޅުމަށް އަރައިގަތުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކުން އާޚިރަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެކަން އޭނާ ވަނީ ހަނދާންކޮށްދީފައެވެ.
"ރައީސް މުޢިއްޒާއި، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، ރައީސް މުޢިއްޒުގެ ބޭފުޅުންނާއި ބެހޭ ގޮތުން ކެނޑިނޭޅި ފަތުރަމުންދާ ދޮގު މަޢުލޫމާތު ފެތުރުމާއި، އެބޭފުޅުންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމުތައް އަޅުވަމުންދާ ފަރާތްތަކުން އެ ކުރަމުންދާ ޙަޤީޤތާއި ޚިލާފު އެންމެހައި މަސައްކަތްތައް މި ހިނދުން މި ހިނދަށް ހުއްޓަވާލައްވައި، ރިވެތި އަޚްލާޤާއި ސުލޫކުގެ އިމުގެ ތެރެއަށް އެފަދަ ކޮންމެ ބޭފުޅަކުމެ ވެދެވަޑައިގަތުމަށް ނުހަނު އިޙްތިރާމާއިއެކު އިލްތިމާސް ކުރަމެވެ."
ނިންމާލަމުން ފާހަގަކޮށްފައިވަނީ، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާއިރު، އެފަދަ ކަންކަމުގެ ސަބަބުން އެ ބޭފުޅުންގެ ޢާއިލާތަކަށް ކުރާނެ އަސަރުތަކާމެދު ވިސްނާލުން މުހިންމު ކަމަށެވެ. އަދި ނާތަހުޛީބު މިފަދަ ޢަމަލުތަކުން ދުރުހެލިވެ، މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށް އެންމެހައި ފަރާތްތަކަށް އިޤްބާލް ވަނީ ގޮވާލާފައެވެ.
Ads by BML
Ads by MACL
