ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑައިވަރު މަހުދީ ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ: "މިއީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް."

ޑައިވަރު މަހުދީ ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ: "މިއީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް."
ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދަނިކޮށް ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވެގެން ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ ނުތަނަވަސްކަން ވެރިވި ހިތްދަތި ޚަބަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

"ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހެއްޓެވުން އެދި ދުޢާ ދަންނަވަން" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އޮޕަރޭޝަނުގެ ފަހުގެ ތަފްސީލު


އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާ ގުޅިގެން ރައީސް އިއްޔެ ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ދަތުރުފުޅުގައި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސްގެ އަރިހުގައި އެންމެ އިސްކޮށް ހުންނެވީވެސް މިއަދު ނިޔާވި ސްޓާފް ސާޖަންޓް މަހުދީއެވެ.

މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި، ހައި ރިސްކް މަސައްކަތެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ގެއްލުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވަނީ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުންވެސް ވީކަމަށް ލަފާކުރެވެނީ 200 ފޫޓުގެ ދިގުމިން ހުންނަ މި ކޭވްގެ ތެރޭގައެވެ.

މިހާރުވެސް އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ހަރަކާތްތެރިވަމުންދާއިރު، އިތުރު ޑައިވަރުންނާއި ޚާއްޞަ ސާމާނު އެ ސަރަހައްދަށް ފޮނުވައިގެން ހޯދުމުގެ މަސައްކަތް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.