ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިފަލް ޓަވަރުގައި ފަލަސްތީނުގެ ދިދަ ނެގި ހަ މީހަކު ފަރަންސޭސިވިލާތުން ހައްޔަރުކޮށްފި

އައިފަލް ޓަވަރުގައި ފަލަސްތީނުގެ ދިދަ ނެގި ހަ މީހަކު ފަރަންސޭސިވިލާތުން ހައްޔަރުކޮށްފި

ފަރަންސޭސިވިލާތުގެ މަޝްހޫރު އައިފަލް ޓަވަރުގައި ހުއްދަނެތި ފަލަސްތީނުގެ ދިދައެއް ނެގި ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ހޮނިހިރު ދުވަހު ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ "އެކްސްޓިންކްޝަން ރިބެލިއަން ފްރާންސް" އިން ވަނީ މި އަމަލުގެ ޒިންމާ އުފުލާފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އައިފަލް ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ބޮޑު ދިދައެއް ދަމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖެއް ދިނުމުގެ ގޮތުންނެވެ.

މި ހަރަކާތާ ގުޅޭގޮތުން އެ ޖަމާއަތުގެ މަންދޫބަކު ވިދާޅުވީ، މިއީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ "ގަތުލުއާންމުތަކާއި"، ފަލަސްތީނުގެ ބިންތަކުގައިވާ ޒައިތޫނި ގަސްތައް އުފުރާލުން ފަދަ ތިމާވެށީގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ހިންގި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލި ހަނދާން އާކުރާ "ނަކްބާ ދުވަހާ" ދިމާކޮށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 72,700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ. އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިޒްރޭލުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތީ ގާޒާގައި ކޮންމެ ދުވަހަކުވެސް ދަނީ ލޭއޮހޮރުވުންތައް ހިނގަމުންނެވެ.

ފަރަންސޭސިވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު އައިފަލް ޓަވަރުގައި އިޒްރޭލާއި ފަލަސްތީނުގެ ދިދައިގެ އިތުރުން ސުލްހައިގެ ރަމްޒުތައް ދައްކާލާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިފަހަރުގެ ހާދިސާގައި ހަ މީހަކު ހައްޔަރުކޮށްފައިވަނީ ހުއްދަނެތި މިފަދަ ހަރަކާތެއް ހިންގުމާ ގުޅިގެންނެވެ.