ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިޔާވި ސިފައިންގެ މީހާގެ ޖަނާޒާ މިރޭ 10 ޖަހާއިރު އިސްލާމީ މަރުކަޒުގައި

އުމުރުން 43 އަހަރުގެ މަހުދީގެ މޫނު ދެއްކުން މިރޭ ހަތެއް ޖެހީއްސުރެ އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ---
އުމުރުން 43 އަހަރުގެ މަހުދީގެ މޫނު ދެއްކުން މިރޭ ހަތެއް ޖެހީއްސުރެ އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ---

ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ފަތުރުވެރިން ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި އެމްއެންޑީއެފްގެ ކޮމާންޑޯ، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ޖަނާޒާ މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.

ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ފޭސްބުކް ޕޭޖުން ބުނި ގޮތުގައި، އުމުރުން 43 އަހަރުގެ މަހުދީގެ މޫނު ދެއްކުން މިރޭ ހަތެއް ޖެހީއްސުރެ އެ މަރުކަޒުގައި ކުރިއަށްދާނެއެވެ.

މަހުދީ ނިޔާވީ، ވ. އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރު ހޯދުމުގެ ކަނޑުއަޑީގެ ބުރަ މަސައްކަތުގައި އުޅެނިކޮށެވެ. ނިޔާވި މަހުދީއަކީ މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ރައީސަށް އެރުވުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި ގާބިލު އޮފިސަރެކެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓު) އަޑީގައިވާ ކޭވްއެއްގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުންވެސް ވީ ކަމަށް ބެލެވެނީ 200 އެއްހާ ފޫޓު ދިގު މި ނުރައްކާތެރި ކޭވްގެ ތެރޭގައެވެ. މިއީ އިންތިހާއަށް ރިސްކު ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި ސިފައިން ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ ހިތްވަރުގަދަ އޮފިސަރުގެ ވަކިވުމާއެކުވެސް، ކޭވްގެ ތެރޭގައި ތިބި ކަމަށް ބެލެވޭ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓާނުލާ ދަނީ ކުރަމުންނެވެ.