ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ބޭސް ކޭމްޕްތައް، އަދި އެ ތަންތަން ހުރި ސަރަހައްދުތައް

ވޯލްޑް ކަޕް 2026: މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ބޭސް ކޭމްޕްތައް، އަދި އެ ތަންތަން ހުރި ސަރަހައްދުތައް

އަންނަ ޖޫންމަހު ފަށަން ތައްޔާރުވަމުން އަންނަ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ 48 ގައުމުން މިހާރު ދަނީ އެ ގައުމުތަކުގެ ބޭސް ކޭމްޕްތަކާއި ތަމްރީނު ހަދާނެ މަރުކަޒުތައް ފައިނަލް ކުރަމުންނެވެ. ޖޫން 11 ވަނަ ދުވަހު މެކްސިކޯގައި ފަށާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން މިހާރު ވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ އެކި ސަރަހައްދުތަކުން ބޭސް ކޭމްޕްތައް ހަމަޖައްސާފައެވެ.

ބޭސް ކޭމްޕަކީ ކޮބައި؟


ބޭސް ކޭމްޕަކީ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް މުބާރާތުގެ ކުރިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށާއި، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު މަޑުކުރުމަށް ކަނޑައަޅާ މައިގަނޑު މަރުކަޒެވެ. މި ތަންތަނުގައި ކުޅުންތެރިން ތިބޭނެ ހޮޓާތަކުގެ އިތުރުން، ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކާއި، ޖިމް އަދި ރިކަވަރީ ފެސިލިޓީތައް ހިމެނެއެވެ. ފީފާއިން ހުއްދަ ދީފައިވާ މި ކޭމްޕްތައް ބޭނުންކުރާނީ މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމެންދެންނެވެ.

ބައެއް ގައުމުތަކުން ކޭމްޕް ކުރާނެ ތަންތަން


މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ބޭސް ކޭމްޕް ކުރާނީ އެމެރިކާގެ މިސޫރީގެ ކެންސަސް ސިޓީގައެވެ. އެ ޓީމުން ތަމްރީނުތައް ކުރިއަށް ގެންދާނީ ސްޕޯޓިން ކޭސީ ޕާފޯމަންސް ސެންޓަރުގައެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ކެންސަސް ސިޓީގައި ބައްދަލުކުރާނީ އަލްޖީރިއާއާއެވެ. އަލްޖީރިއާއިން ވެސް ކޭމްޕް ކުރަނީ ކެންސަސްގެ ލޯރެންސްގައެވެ.

ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އިން ހިޔާރުކޮށްފައިވަނީ ނިއުޔޯކާއި ނިއު ޖާޒީ ސަރަހައްދެވެ. އެ ޓީމުން ތަމްރީނު ހަދާނީ ނިއު ޖާޒީގެ ކޮލަމްބިއާ ޕާކް ޓްރެއިނިން ފެސިލިޓީގައެވެ. ބްރެޒިލްގެ ފުރަތަމަ މެޗުގައި ނިއު ޖާޒީގައި ބައްދަލުކުރާނީ މޮރޮކޯއާއެވެ. މީގެ އިތުރުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އިން ކޭމްޕް ކުރާނީ ވެންކޫވަރުގައެވެ.

އެހެނިހެން ޓީމުތަކުގެ ތައްޔާރީތައް


ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އިން ކޭމްޕް ކުރުމަށް ނިންމާފައިވަނީ އެމެރިކާގައި އެންމެ ގިނަ ބޮސްނިއާ މީހުން ދިރިއުޅޭ ސެއިންޓް ލޫއިސްގައެވެ. ކޮލަމްބިއާ އިން މެކްސިކޯގެ ގުއަޑަލަހާރާ ހިޔާރުކޮށްފައިވާއިރު، އޮސްޓްރޭލިއާ އާއި އޮސްޓްރިއާ އިން ކޭމްޕް ކުރާނީ ކެލިފޯނިއާގައެވެ. ކޭޕް ވާޑޭ އާއި ކުރަސާއޯ ފަދަ އަލަށް ވާދަކުރާ ޓީމުތަކުން ކޭމްޕް ކުރުމަށް ނިންމާފައިވަނީ ފްލޮރިޑާގައެވެ.

މި ބޭސް ކޭމްޕްތަކަކީ ޓީމުތަކުން އެ ސަރަހައްދެއްގެ މޫސުމަށް ހޭނުމަށާއި، ލޮޖިސްޓިކް ގޮތުން ފަސޭހަ ސަރަހައްދުތަކަށް ބަލައިގެން ހިޔާރުކޮށްފައިވާ ތަންތަނެވެ. ގްރޫޕް ސްޓޭޖަށް ފަހު ގަދަ 32 ޓީމަށް ހޮވޭ ގައުމުތަކަށް އެ ގައުމެއްގެ ބޭސް ކޭމްޕްގައި މަޑުކުރުމުގެ ނުވަތަ ދެން އޮންނަ މެޗެއް ކުޅޭ ސަރަހައްދަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނާނެއެވެ.