ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު ޑައިވަރުން ހޯދަން ފިންލޭންޑްގެ ޑައިވިން ތަޖުރިބާކާރުން ރާއްޖެ އަންނަނީ

ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިޔަށްދަނީ --- ފޮޓޯ: އެމްއެންޑީއެފް
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިޔަށްދަނީ --- ފޮޓޯ: އެމްއެންޑީއެފް

ވ. އަލިމަތާ ރިސޯޓު ކައިރިން ކަނޑުގެ އަޑީގެ ކޭވްއަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނަށް އެހީތެރިވުމަށް، ފިންލޭންޑްގެ ޚާއްޞަ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ހޯދުމުގެ މަސައްކަތުގައި ބައިވެރިވާނީ ފިންލޭންޑްގެ "ބޭން" ކުންފުންޏަށް ނިސްބަތްވާ ތިން މެންބަރުންގެ ޓީމެކެވެ. މިއީ ޑީޕް ކޭވް (ފުން ހޮހަޅަތަކަށް) ޑައިވްކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މާހިރުންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި ޓީމު ރާއްޖެ ގެންނަނީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާ އެކު، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ މަޝްވަރާގެ މަތިންނެވެ. ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މިހާރު ފެނިފައިވާއިރު، އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ކަނޑުގެ 60 މީޓަރު (ގާތްގަނޑަކަށް 200 ފޫޓު) އަޑީގައިވާ ކޭވްއެއްގެ ތެރެއިންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެއީ އެ ގްރޫޕްގެ ޑައިވިން އިންސްޓްރަކްޓަރެވެ.

އެމްއެންޑީއެފުން "ހައި ރިސްކު" ނުވަތަ ނުރައްކާ ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި މަސައްކަތް މިވަގުތަށް އޮތީ މެދުކަނޑާލައިފައެވެ. އެއީ މިއަދުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ، ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެންނެވެ.

މުންދު އިތުރަށް ވިދާޅުވީ، އިތުރު ހާދިސާއެއް ހިނގިޔަނުދިނުމަށްޓަކައި މަސައްކަތް ސަސްޕެންޑް ކުރި ނަމަވެސް، މާދަމާ ހެނދުނު ބޭރުގެ ތަޖުރިބާކާރުން ރާއްޖެ އައުމުން ކޯސްޓްގާޑާ އެކު އޮޕަރޭޝަން ކުރިއަށްގެންދާނެ ރޭވުމެއް އެކުލަވައިލާނެ ކަމަށެވެ. އަދި އޮޕަރޭޝަން އަލުން ފަށާނީ އެ ފަރާތްތަކުގެ ފަންނީ ލަފަޔާ އެކުގައެވެ.