ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

މަހުދީގެ ޖަނާޒާގައި ރައީސް މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި ---
މަހުދީގެ ޖަނާޒާގައި ރައީސް މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި ---

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައި ބާއްވައިފިއެވެ.

އެމްއެންޑީއެފުން "ހައި ރިސްކު" އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރި މި ހަރަކާތުގެ ތެރެއިން މަހުދީ ނިޔާވީ ކަނޑުގެ އަޑީގައި އުޅެނިކޮށް ޑީކޯ ވެގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަހުދީގެ ހަށިގަނޑު ބޭއްވުމާއި މޫނު ދެއްކުން ރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ ކަށުނަމާދު ވެސް ކޮށްފައިވަނީ އެ ތަނުގައެވެ. މި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިފައިންނާއި އެތައް ސަތޭކަ އާންމު ރައްޔިތުންނެއް ބައިވެރިވެފައިވެއެވެ.

ކަށުނަމާދަށް ފަހު މަހުދީގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސް ވަޅުލާފައިވަނީ ސިފައިންގެ ހާއްސަ ރަސްމިއްޔާތަކާ އެކުގައެވެ. އޭނާގެ ޝަރަފުގައި ސިފައިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފައެވެ. މި ވަގުތުވެސް މަހުދީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ސަހަރާ ސަރަހައްދަށް ޖަމާވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ މި މަހުގެ 14 ވަނަ ދުވަހު ދިވެހި ޑައިވަރަކާ ނުލައި ވ. އަތޮޅަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިންގެ ހަބަރެއް ނުވެގެން ހޯދަން ފެށި ހިސާބުންނެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވައި ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިން، ހޮހަޅައެއް (ކޭވްއެއް) ތެރެއިންނެވެ. އެއާ އެކު އެމްއެންޑީއެފްގެ އަށް ޑައިވަރުންގެ ޓީމަކުން އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފެށިއެވެ.

މަހުދީ ނިޔާވުމާ ގުޅިގެން ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެމްއެންޑީއެފުން މަގުސަދު ކުރަނީ ފިންލޭންޑްގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ ގެނެސް، އެ މީހުންގެ އެހީތެރިކަމާ އެކު މާދަމާ މި އޮޕަރޭޝަން އަލުން ފެށުމަށެވެ.