ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނަށް ފިންލެންޑްގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނަށް ފިންލެންޑްގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނަށް އެހީތެރިވުމަށް، ފިންލެންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސްފިއެވެ.

މި ޓީމު ރާއްޖެ އައިސްފައިވާކަން ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:15 އެހާއިރު، ދިވެހި އެއްވެސް ޑައިވަރަކާ ނުލައި މޫދަށް ފޭބި މި ފަތުރުވެރިން ގެއްލުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. އެގޮތުން ކުރިއަށްގެންދިޔަ ހޯދުންތަކުން، އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި ހުރި ކޭވްއެއްގެ ތެރެއިންނެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އެ ސަރަހައްދުގައި "ހައި ރިސްކު" ނުވަތަ ނުރައްކާތެރި އޮޕަރޭޝަނެއް ފަށާފައިވާއިރު، މިއަދުވެސް އަށް ޑައިވަރަކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މިހާރު މި އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ދެން މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ އިޓަލީ ސަރުކާރުން ހަމަޖައްސާފައިވާ، އެ ގައުމުގެ "ބޭން" ކުންފުނީގެ ތަޖުރިބާކާރުންނާއި އަދި އަލަށް އައި ފިންލެންޑްގެ ޓީމާ އެކުގައެވެ.