ރައީސް މުއިއްޒާ ދެކޮޅަށް ކުރީގެ 3 ރައީސުން އުފެއްދެވި ކޯލިޝަނުގެ މަންދޫބުން ކަނޑައަޅައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން ފައްޓަވާފައިވާ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާނެ މަންދޫބުން މިއަދު ރަސްމީކޮށް ކަނޑައަޅުއްވައިފިއެވެ.
ތިން ލީޑަރުންގެ ފަރާތްޕުޅުން މި މަންދޫބުން އައްޔަންކުރެއްވީ، ސަރުކާރު 'ހަމައަކަށް އެޅުވުމަށް' އެކުގައި މަސައްކަތް ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުންނެވެ.
ޚިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަން އަލުން އިއާދަކުރުމަށް ގޮވާލާ ފެށި މި ހަރަކާތުގައި، ކޮންމެ ރައީސެއްގެ ފަރާތްޕުޅުންވެސް ދެ މަންދޫބުން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން މި ހަރަކާތް ކުރިއަށްގެންދިއުމަށް އެކުލަވާލި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން:
-
އީވާ އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް)
-
ފައްޔާޒު އިސްމާއީލް (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން)
ރައީސް އަބްދުﷲ ޔާމީންގެ މަންދޫބުން:
-
މުހައްމަދު މަލީހު ޖަމާލު (ޕީއެންއެފްގެ ނައިބު ރައީސް)
-
އިސްމާއިލް ޒަރިޔަންދު (ޕީއެންއެފްގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި)
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުން:
-
އަހުމަދު ސަލީމް - ސައްލެ (ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް)
-
މުހައްމަދު ރަޝީދު ހުސައިން - ބިގޭ (މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު)
މި ތިން ލީޑަރުން ބޭއްވި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރާނެ ޓީމެއް އެކުލަވާލާނެކަން ކުރިން އޮތީ ހާމަކޮށްފައެވެ. މިއަދު މި އިއުލާންކުރި މަންދޫބުންނަކީ އެ ބާރުގަދަ ސިޔާސީ ހަރަކާތުގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާނެ ބޭފުޅުންނެވެ.
Ads by MACL
