އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ މަގާމުން ވަކިކޮށްފި
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒުކީގޭ ޝަމްހޫޒާ އަޙުމަދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޝަމްހޫޒާ ވަނީ އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުންވެސް މިއަދުން ފެށިގެން ވަކިކުރެވިފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
އެމްޑަބްލިއުއެސްސީގެ އެންމެ މަތީ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމާއި، ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.
ކުންފުނީގެ ޗެއާމަންގެ މަގާމަށް މި ބަދަލު އައިސްފައިވާއިރު، މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ހުސްވި އެމްޑީގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އައްޔަން ކުރެވުނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
އެމްޑަބްލިއުއެސްސީ އަކީ ދިވެހި ސަރުކާރުގެ 80 އިންސައްތަ ހިއްސާ އަދި ބޭރުގެ ކުންފުންޏެއް ކަމަށްވާ ހިޓާޗީގެ 20 އިންސައްތަ ހިއްސާ ހިމެނޭގޮތަށް ހިންގަމުން އަންނަ ސަރުކާރުގެ މައިގަނޑު އެއް ކުންފުންޏެވެ.
Ads by MACL
