ވޯލްޑް ކަޕް 2026: ސަރުދާރު އަޒުމޫން ބާކީކޮށް، އީރާންގެ ވަގުތީ ސްކޮޑް އިއުލާނުކޮށްފި
މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އީރާނުން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން ތަޖުރިބާކާރު ފޯވާޑް ސަރުދާރު އަޒްމޫން ބާކީކޮށް 30 ކުޅުންތެރިންގެ ސްކޮޑު އެކުލަވާލައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ހޮނިހިރު ދުވަހު އިއުލާންކުރި 30 ކުޅުންތެރިންގެ މި ސްކޮޑުން އަޒްމޫން އަށް ފުރުސަތު ދީފައި ނުވަނީ އޭނާ ސަރުކާރަށް ވަފާތެރި ނުވުމުގެ އަމަލެއް ހިންގި ކަމަށް ބުނެއެވެ.
ޔޫއޭއީގެ ޝަބާބް އަލް އަހްލީ އަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ އަޒްމޫން އާއި އީރާންގެ އިދާރާތަކާ ދެމެދު މައްސަލަ ޖެހުނީ، ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކުރުމާ ގުޅިގެންނެވެ. މި ފޮޓޯ ފަހުން އޭނާ ނެގި ނަމަވެސް، ދައުލަތުގެ މީޑިއާތަކުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަޒްމޫން އަކީ އީރާންގެ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި 57 ލަނޑު ޖަހައިދީ، އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ މުހިންމު ކުޅުންތެރިއެކެވެ.
އީރާންގެ ފޯވާޑް ލައިން މިފަހަރު ލީޑުކުރާނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ މެހްދީ ތަރޭމީ އެވެ. ހެޑް ކޯޗު އަމީރު ގަލެނޮއީ ވިދާޅުވީ 30 ކުޅުންތެރިން ހޮވުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި، ކުޅުންތެރިން ހޮވާފައިވަނީ ހަމައެކަނި ޓެކްނިކަލް މިންގަނޑުތަކަށް ބަލައިގެން ކަމަށެވެ. މި ސްކޮޑު ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން 26 ކުޅުންތެރިންނަށް މަދުކުރަން ޖެހޭނެއެވެ.
އީރާން ޓީމު ތަމްރީނުތަކަށާއި އެކުވެރިކަމުގެ މެޗުތަކަށް ހޯމަ ދުވަހު ތުރުކީއަށް ފުރާނެއެވެ. އެގައުމުގައި ތިބޭ މުއްދަތުގައި މޭ 29 ގައި ދަ ގޭމްބިއާ އާ ދެކޮޅަށް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވޯލްޑް ކަޕް ބާއްވާ އެމެރިކާއަށް ދިއުމަށް ބޭނުންވާ ވިސާގެ ކަންކަން ވެސް ތުރުކީގައި ތިބޭ މުއްދަތުގައި ކުރިއަށްދާނެއެވެ.
އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ވިދާޅުވީ މިހާތަނަށް ޓީމަށް ވިސާ ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ފީފާ އިން އެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. ވިސާ ހޯދުމަށްޓަކައި ކުޅުންތެރިންގެ ފިންގަރޕްރިންޓް ދިނުމުގެ ކަންކަން ތުރުކީގައި ކުރިއަށްދާނެއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި ހިމެނޭ އީރާންގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށެވެ. އޭގެ ފަހުން އެ ސިޓީގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕްގެ ފަހު މެޗުގައި ސިއެޓްލްގައި ބައްދަލުކުރާނީ މިސްރާ އެވެ.
Ads by MACL
