ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕާ ގުޅޭގޮތުން ފީފާ އާއި އީރާނުގެ ފުޓްބޯޅަ އިދާރާއާ ދެމެދު ކާމިޔާބު މަޝްވަރާތަކެއް!

ވޯލްޑް ކަޕާ ގުޅޭގޮތުން ފީފާ އާއި އީރާނުގެ ފުޓްބޯޅަ އިދާރާއާ ދެމެދު ކާމިޔާބު މަޝްވަރާތަކެއް!

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމާ ގުޅޭގޮތުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް އާއި ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ބައްދަލުކުރައްވައި ކާމިޔާބު މަޝްވަރާތަކެއް ބާއްވައިފިއެވެ.

ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މި ބައްދަލުވުމަށްފަހު ގްރާފްސްޓްރޯމް ވިދާޅުވީ، އީރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ވަރަށް ބިނާކުރަނިވި ވާހަކަތަކެއް ދެކެވުނު ކަމަށާއި، ވޯލްޑް ކަޕަށް އެ ގައުމަށް މަރުހަބާ ކިޔުމަށް ފީފާ އޮތީ ތައްޔާރަށް ކަމަށެވެ.

އީރާނުގެ ޓީމު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން، އީރާނަށް މުބާރާތުގައި ބައިވެރިވެވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ. މީގެ އިތުރުން، ކެނެޑާގައި ބޭއްވި ފީފާގެ ކޮންގްރެސްއަށް ވަޑައިގެންނެވި އީރާނުގެ ވަފުދަށް އެ ގައުމަށް އެތެރެވުމުގައި ދިމާވި ހުރަސްތަކުގެ ސަބަބުންވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ކެނެޑާގެ އިމިގްރޭޝަނުން މެހްދީ ތާޖް އެތެރެވިޔަ ނުދިނީ އޭނާގެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުން އޮންނަ ކަމަށް ބުނެއެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާއަށް އެތެރެވުމުގައިވެސް އީރާނުގެ ވަފުދަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ނަމަވެސް، ގްރާފްސްޓްރޯމް ވިދާޅުވީ ވިސާގެ ކަންކަމާ ގުޅޭ ތަފްސީލީ ވާހަކަތައް މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، އޮޕަރޭޝަނަލް ކަންކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ރަނގަޅު ވާހަތަކެއް ދެކެވުނު ކަމަށެވެ.

އީރާނުގެ ފުޓްބޯޅަ އިދާރާގެ ރައީސް މެހްދީ ތާޖް ވިދާޅުވީ، އީރާނުން ހުށަހެޅި 10 ކަންތަކަށްވެސް ފީފާއިން ހައްލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ، މާތްﷲގެ އިރާދަފުޅާއެކު، އެއްވެސް މައްސަލައެއް ނެތި އަޅުގަނޑުމެންގެ ގައުމީ ޓީމަށް ވޯލްޑް ކަޕަށް ދެވި، ރަނގަޅު ނަތީޖާތަކެއް ހޯދޭނެ ކަމަށް،" ތާޖް ވިދާޅުވިއެވެ.

އީރާނުން ކުރިން އެދިފައިވަނީ އެ ގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ހުރިހާ މެޗެއްވެސް ކުރިން ތާވަލުކުރި ތަންތަނުގައި ކުޅެންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ގައުމީ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ތަމްރީނު ކޭމްޕެއް ފެށުމަށް އަންނަ ހޯމަ ދުވަހު ފުރާނެއެވެ. އަދި ޖޫން މަހުގެ ކުރީކޮޅު އެމެރިކާގެ އެރިޒޯނާގައި ހުންނަ ކީނޯ ސްޕޯޓްސް ކޮމްޕްލެކްސްއަށް ޓީމު ބަދަލުވާނެއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ހިމެނޭ އީރާނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. މީގެ އިތުރުން އެ ގައުމު ދެން ވާދަކުރާނީ ބެލްޖިއަމް އަދި މިސްރާއެވެ.