ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާއެކު ޒުވާނެއްގެ ދިރިއުޅުން ބަދަލުވިގޮތް ބެލެނެވެރިއެއްގެ ދުލުން: ދަރިފުޅަށް އައީ ބޮޑު ބަދަލެއް!
ދިވެހި ވަޠަނީ ޚިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ އަހުލާގާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ، ނުހަނު ފައިދާހުރި ތަމްރީނުތަކެއްކަން މިހާރު ވަނީ ހާމަވާން ފަށާފައެވެ. އެގޮތުން އޯލެވެލް ނިންމުމަށްފަހު ގޭގައި ގިނަ ވަގުތު ހޭދަކުރަމުންދިޔަ ޒުވާނަކު، މި ޕްރޮގްރާމްގެ ތެރެއިން ހޯދި ކުރިއެރުންތަކަކީ މުޅި އާއިލާއަށް ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ބެލެނެވެރިއަކު ވަނީ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ޒުވާނެއްގެ ބެލެނެވެރިޔަކު ވަނީ މި ޚިދުމަތާއި ގުޅޭ ގޮތުން އަސަރުން ފުރިގެންވާ ހާހަކަތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ.
Ads by BMLއެ ބެލެނިވެރިޔާ ކިޔައިދިން ގޮތުގައި، އެ ކުއްޖާ ފުރަތަމަ މި ތަމްރީނަށް ދިޔައީ އާއިލާގެ ބާރުއެޅުމާއެކު، އަމިއްލަ ޝައުގުވެރިކަމެއް ނެތިއެވެ. ނަމަވެސް، ތަމްރީނުގައި އެއް މަސް ހޭދަކުރުމަށްފަހު އާއިލާއަށް ކުރި ފުރަތަމަ ފޯނު ކޯލުން ފެނިގެންދިޔައީ މުޅިން ތަފާތު ސިފަތަކެކެވެ. ކުރިން މީހުންނާ ވާހަކަދެއްކުމަށް އުނދަގޫވި ނަމަވެސް، މިހާރު މުޢާމަލާތްކުރުމުގެ ހުނަރު ރަނގަޅުވެ، މައިންބަފައިންގެ އަގުވަޒަންކޮށް، އާއިލާގެ އެންމެންގެ ހާލު ވަކިވަކިން އޮޅުންފިލުވާފައިވާ ކަމަށް ބެލެނެވެރިޔާ ފާހަގަކުރިއެވެ.
"މިއީ ހަގީގަތުގައިވެސް ނުހަނު ފައިދާހުރި ތަމްރީނު ޕްރޮގްރާމެއް. އަޅުގަނޑުގެ އާއިލާގެ ކުއްޖަކު މިޕްރޮގްރާމުގައި ބައިވެރިވީ ވަރަށް ބޮޑަށް ބާރުއަޅައިގެން، އޭނާ އެކަމަށް އެހާ ބޮޑަށް ބޭނުންނުވެ ހުއްޓާ. އޯލެވެލް ނިންމުމަށްފަހު ކުރާނެ ވަކި ކަމެއް ނިންމަން ނޭނގި ގޭގައި ިނަ ވަގުތު ހޭދަކުރަމުން ދިޔަ މި ކުއްޖާ، މި ތަމްރީނަށް ދިޔައީވެސް މާބޮޑު ޝައުގުވެރިކަމެއް އޮވެގެނެއް ނޫން. ނަމަވެސް، އެއް މަސްފަހުން ލިބުނު ފުރަތަމަ ފޯނު ކޯލުން މުޅި އާއިލާ އާޖައިބުކޮށްލި." ސޯޝަލް މީޑިއާގައި ކުރި ބެލެނިވެރިޔާ ޕޯސްޓުގައި ބުނެފައިވެެއެވެ.
އެ ޒުވާނާގެ ދިރިއުޅުމަށް އައި އެންމެ ބޮޑު އެންމެ ބޮޑު އެއް ބަދަލަކީ އަމިއްލަ ޒިންމާތައް އުފުލުންކަމަށް އޭނާ ކިޔައިދިނެވެ. އަމިއްލަ އަންނައުނު ދޮވެ އިސްތިރިކުރުމާއި، ވަށައިގެންވާ މާހައުލު ސާފުކޮށް ބެލެހެއްޓުމަށް އޭނާ ވަނީ އާދަވެފައެވެ. މީގެ އިތުރުން، ނަމާދާއި ގުރުއާނަށް ދޭ ސަމާލުކަން އިތުރުވެ، މިހާތަނަށް އެއް ޚަތިމް ފުރިހަމަކޮށް ދެވަނަ ޚަތިމެއް ފަށާފައިވާކަން އާއިލާއިން އުފަލާއެކު ފާހަގަކުރެއެވެ.
"އަމިއްލަ މަސައްކަތުން އަންނައުނު ދޮވެ އިސްތިރިކުރުމާއި، ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން ނަމާދާއި ގުރުއާނަށް ދިން ސަމާލުކަން އޭނާ ކިޔައިދިން. އަދި އެތަނުގެ މުދައްރިބުންގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އަޅާލުން ސިފަކޮށްދިނީ ބައްޕައެއްގެ މަގާމު ފޫބައްދައިދޭ ފަދަ ބައެއްގެ ގޮތުގަ. މި ބަދަލުތައް ފެނިފައި އާއިލާގެ އެންމެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނު."ސޯޝަލް މީޑިއާގައި ކުރި ބެލެނިވެރިޔާ ޕޯސްޓުގައި ބުނެފައިވެެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ފަޔަރ ފައިޓިންގ އާއި ފަސްޓް އެއިޑް ފަދަ މުހިންމު ހުނަރުތައް ދަސްވެފައިވާއިރު، އަރާމު އޭސީ ކޮޓަރިތައް ދޫކޮށް އާދައިގެ ހާލަތްތަކުގައި ދިރިއުޅެން އެ ޒުވާނާ ވަނީ ފަރިތަވެފައެވެ. އަދި ތަމްރީނު ނިންމުމަށްފަހު ވަޒީފާއަކަށް ގޮސް، ގައުމަށް ޚިދުމަތްކުރުމުގެ ވަރުގަދަ އަޒުމެއް އޭނާގެ ކިބައިގައި މިހާރު އެބަހުއްޓެވެ.
ބެލެނެވެރިޔާ އިތުރަށް ފާހަގަކުރި ގޮތުގައި، އެމް.އެން.ޑީ.އެފްގެ މުދައްރިބުންގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އަޅާލުމަކީ ކުދިންގެ ބަދަލުވުމުގެ މައިގަނޑު އެއް ސަބަބެވެ. އެ މުދައްރިބުން ކުދިންނަށް ބަހައްޓާ ގާތްކަން ސިފަކޮށްދިނީ ބައްޕައެއްގެ މަގާމު ފޫބައްދައިދޭ ފަދަ ބައެއްގެ ގޮތުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުދައްރިބުންގެ ކިބައިން އެދިވަޑައިގެންފައިވާ ފަދަ ޙިކުމަތްތެރި މަސައްކަތެކެވެ.
ދިވެހި ވަޠަނީ މި ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި، އިސްލާމްދީނަށް ލޯބިކުރާ، އަދި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުން ހިމެނެއެވެ. ޒުވާނުންގެ ކެތްތެރިކަމާއި އަހުލާގަށް އަންނަ މިފަދަ ހެޔޮ ބަދަލުތަކަށްޓަކައި ބެލެނެވެރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި އެމް.އެން.ޑީ.އެފް އަށް ޝުކުރާއި އިހުތިރާމް އަދާކޮށްފައެވެ.
"މިއަދު އޭނާއާ ބައްދަލުވިއިރު، އޭނާގެ ކެތްތެރިކަމާއި، އަހުލާގާއި, ދިރިއުޅުމާ މެދު ގެންގުޅޭ ހަރުދަނާ ވިސްނުން ފެނިފައި މިއީ ކޮންމެ ބެލެނިވެރިއަކުވެސް އެދޭނެ ފަދަ ފުރިހަމަ ބަދަލެއްކަން ގަބޫލުކުރެވުނު. މިފަދަ އަގުހުރި ފުރުސަތެއް ފަހިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، އެމް.އެން.ޑީ.އެފް އަށް ސާބަސް އަދި އިހުތިރާމް އަދާކުރަން." ސޯޝަލް މީޑިއާގައި ކުރި ބެލެނިވެރިޔާ ޕޯސްޓުގައި ބުނެފައިވެެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާފައިވާ ކަމަކަށްވުމާއެކު، މިކަމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ.
Ads by MACL
