ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުން ދަސްވެނިވި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުން ދަސްވެނިވި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދިވެހި ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު" ގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައި ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅޭގޮތުން މަރުޙަބާ ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ފަހަރުގެ ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63 އަންހެން ކުދިންނާއި 280 ފިރިހެން ކުދިންނެވެ. އަދި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ކުދިން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރުން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، މި ފުރުސަތު ނުލިބޭ ކުދިންނަށް، އެކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ، ދިވެހި ޒުވާނުންގެ މުސްތަޤުބަލު ބިނާކޮށް، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި މުޅިން އަލަށް ފެއްޓެވި މުހިންމު މަޝްރޫޢެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތުގެ އަޚްލާޤު ހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.