ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އޮފީހެއް ހަދަން ނިންމައިފި

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އޮފީހެއް ހަދަން ނިންމައިފި

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވުމާ ގުޅިގެން، ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ސަރުކާރުން ނިންމައިފި އެވެ. މި ބަދަލާ ގުޅިގެން އަތޮޅު ކައުންސިލްތަކުގެ އިދާރީ އޮނިގަނޑަށާއި މުވައްޒަފުންނަށް އަންނާނެ ބަދަލުތައް ރައީސް އޮފީހުން މިހާރު ވަނީ އެލްޖީއޭއަށް އަންގާފަ އެވެ.

ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އިދާރީ ދާއިރާތަކުގައި ގާއިމްކުރާ މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ބޭނުންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" ކަމަށެވެ. މިސާލެއްގެ ގޮތުން ބ. އަތޮޅުގައި ހުންނަ އޮފީހަށް ކިޔާނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.

އަތޮޅު ކައުންސިލްތަކުގެ ދައުރު މިއަދަށް ހަމަވެ އެ ކައުންސިލްތައް އުވިފައިވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ މެދު އަމަލުކުރާނެ ގޮތް ވެސް ރައީސް ވަނީ އަންގަވާފަ އެވެ. ރައީސްގެ އެންގެވުމަކީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންގެ ކަންކަން ހަމަޖެއްސުމަށެވެ.

މި ބަދަލުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފަ އެވެ. މިކަން ކުރިއަށް ގެންދަން ޖެހެނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވުމުގެ އިތުރުން، ސިޓީތަކާއި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ވެސް ވަނީ މަދުކޮށްފަ އެވެ. މި ބަދަލާ އެކު، ކައުންސިލްތަކަށް އަލަށް ހޮވުނު ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކޮށް، މަސައްކަތް ފަށާފަ އެވެ.