އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަޙީދު ވަކިކޮށްފި
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަޙީދު އެ މަޤާމުން ވަކިކުރައްވައިފިއެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ މަޤާމުން ވަކިކުރި ނަމަވެސް، އެ ބަދަލު ގެންނަން ނިންމި ވަކި ސަބަބެއް އެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ބޯޑަށް އައްޔަންކުރެއްވި ޔޫސުފް ވަޙީދަކީ މާލީ އަދި އޮޑިޓިންގ ދާއިރާގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އެސްޑީއެފްސީގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން އޭނާއަކީ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ) އަދި ޗާޓަރޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓް (ސީޖީއމްއޭ) އެކެވެ.
އެޗްޑީސީގެ ބޯޑަށް މި ބަދަލު އައިސްފައިވާއިރު، ފަހަކަށް އައިސް ސަރުކާރުން ދަނީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ސީނިއާ މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުތަކަށް ސިލްސިލާ ގޮތެއްގައި ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.
Ads by MACL
