ރާއްޖެ ޑިޖިޓަލް ކުރުމުގެ އާ ފެށުން: 'މޯލްޑިވްސް އޭއައި ލެބް' ރަސްމީކޮށް ހުޅުވައިފި
ސަރުކާރުގެ ކަންކަން ހިންގުމުގައްޔާއި ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމަށްޓަކައި އުފެއްދި ގައުމީ މަޝްރޫއު، "މޯލްޑިވްސް އޭއައި ލެބް" މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިއީ މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، "ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު" ގެ ނަމުގައި ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަރުކަޒެކެވެ.
މި ޕްލެޓްފޯމް އިފުތިތާހު ކޮށްދެއްވީ މިއަދު ބޭއްވި "ކޯލެބް 26" (CoLab 26) އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ސިޔާސަތު ކަމަށްވާ 'މޯލްޑިވްސް 2.0' އެޖެންޑާގެ ދަށުން ފެށުނު މުހިންމު މަސައްކަތެކެވެ. މި ލެބްގެ މައިގަނޑު އަމާޒަކީ އޭއައި ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކޮށް، ހަރުދަނާ ގަވަރނަންސްއެއްގެ ދަށުން މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުމެވެ. ބީއެމްއެލުން ހާމަކުރި ގޮތުގައި، މި ލެބް މެދުވެރިކޮށް އަމިއްލަ ސެކްޓަރާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ގައުމީ ފެންވަރުގެ ފަންނީ ގާބިލުކަން އުފައްދާނެއެވެ.
Ads by BMLރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، މިފަދަ މަރުކަޒެއްގެ ސަބަބުން އާންމު ޚިދުމަތްތައް ޑިޖިޓަލްވެ، ހިންގުން ހަރުދަނާވާނެ ކަމަށެވެ. އަދި އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީއަށް އަމާޒުކޮށްގެން ސަރުކާރުން ކުރާ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ މުސްތަގުބަލަށް އެޅުނު މުހިންމު ބިންގަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ޓެކްނޮލޮޖީގެ ހައްލުތައް ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އޭއައިގެ ސަބަބުން ރަށްތަކުގެ މެދުގައި ހަމަހަމަ ފުރުސަތުތައް އުފެދި، މުއައްސަސާތައް ވަރުގަދަވެގެންދާނެއެވެ. ގައުމީ ބޭންކުގެ ދައުރު މާލީ ޚިދުމަތްތަކަށްވުރެ ފުޅާކޮށް، ގައުމުގެ އިގްތިސާދީ ދެމެހެއްޓެނިވިކަމަށާއި މުޅި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ ބޭންކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސެންޓަރުގެ އެހީގައި ރާއްޖޭގެ ހުނަރުވެރިން ބިނާވެ، ވަރުގަދަ ޑިޖިޓަލް ވެށްޓެއް ގާއިމްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ފެށުނު "ކޯލެބް 26" އަކީ އޭއައި ބޭނުންކުރުމާ ގުޅޭ ގައުމީ އުސޫލުތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށް ބާއްވާ ހަތަރު ދުވަހުގެ މަގުޗާޓު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ސޮފްޓްވެއާ ޑިވެލޮޕަރުންނާއި ފަންނީ މާހިރުން ބައިވެރިވެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކުރާއިރު، ފަހު ދެ ދުވަސް ޚާއްސަކޮށްފައިވަނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ކުރިއަށްދާ "ހެކަތަން" އަށެވެ.
Ads by MACL
