ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުއިއްޒުގެ މާލީ ބަޔާން: ބީއެމްއެލް ސޭވިންގްސްގައި 1.7 މިލިއަން، އެމްއެފްއެލްސީ ލޯނަށް 1.3 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒުގެ މާލީ ބަޔާން އާންމު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން އާންމުކުރަށްވާފައިވާއިރު، އެމަނިކުފާނުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސޭވިންގްސް އެކައުންޓުގައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަން ހާމަވެއްޖެއެވެ. މާލީ ބަޔާނުގައިވާ ގޮތުން ބީއެމްއެލްގެ އެކައުންޓެއްގައި 1,701,470.44 ރުފިޔާ ބަހައްޓާފައިވެއެވެ.

މީގެއިތުރުން، މާލީ ބަޔާނުން ދައްކާ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ދައްކަންޖެހޭ ދަރަނީގެ ބާކީގެ ގޮތުގައި މިހާރު ހުރީ 1,319,265.13 ރުފިޔާއެވެ.

މާލީ ބަޔާނުގައިވާ އެހެނިހެން ތަފްސީލުތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 11/2009 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގަންނަވާ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ހިމެނެއެވެ. އަދި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ލިބޭ މުސާރައިގެ ގޮތުގައި 78,000.00 ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އާމްދަނީގެ އިތުރު ތަފްސީލުތަކަށް ބަލާއިރު، ބަޔާނުގައި 285,024.00 ރުފިޔާ އަދި 240,000.00 ރުފިޔާގެ އިތުރުން 180,000.00 ރުފިޔާ ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެނިހެން އެކައުންޓްތަކަށް ބަލާއިރު 184,845.52 ރުފިޔާ އާއި 1,000.00 ރުފިޔާ ހުރިކަމަށްވެސް މާލީ ބަޔާނުގެ ތަފްސީލުތަކުން ދައްކައެވެ.

މާލީ ބަޔާނުގައި ހިމެނޭ މުދަލާއި ހިއްސާގެ ތަފްސީލަށް ބަލާއިރު، 5,919,500.00 ރުފިޔާގެ އަދަދެއް ހިމެނޭއިރު، 150,000.00 ރުފިޔާ އަދި 260,000.00 ރުފިޔާގެ އިތުރު އަދަދުތަކެއްވެސް މާލީ ބަޔާނުގެ ތަފްސީލީ ތާވަލުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާންތައް ހާމަކުރުމަކީ ހާމަކަން ބޮޑު ސިޔާސަތެއް ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން އިސްކަންދޭ ކަމެކެވެ.

މީގެ ކުރިން ވެސް އެމަނިކުފާނު މާލީ ބަޔާން އާންމުކުރައްވާފައިވާއިރު، މިފަދަ ބަޔާންތަކުގެ ސަބަބުން ވެރިންގެ އާމްދަނީ އާއި، މިލްކިއްޔާތުގައި ހުރި މުދަލާއި، އަދި ބޭންކްތަކުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލުތައް ރައްޔިތުންނަށް ސާފުވެގެންދެއެވެ.

މިއީ ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބޭ މުހިންމު ބާރެކެވެ.