ނޭޝަނަލް ސަރވިސްގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފި
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް، ދިޔަވެ އަޑިއަށްދާތީ އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ފަޅައިގެން ގޮސް އަޑިއަށް ދާން ފެށުމުން، އޭގައި ތިބި ދަރިވަރުން ވަނީ ކަނޑަށް ބާލާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗުގެ ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އަދި ކަނޑުވެފައިވާ ގިނަ އަދަދެއްގެ ކުދިން ލައިފް ޖެކެޓު އަޅައިގެން ފެންމަތީގައި ތިބި މަންޒަރު ފެނެއެވެ.
Ads by BMLއެމްއެންޑީއެފުން ބުނީ ކަނޑަށް ބޭލި ކުދިން އެހެން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ތަފްސީލެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
Ads by MACL
