މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ކޮމާޝަލް ބޭންކިންގ ލައިސަންސް ދީފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރި ކުރުމުގެ ރަސްމީ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް ދޫކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ލައިސަންސް އެ ބޭންކަށް ދޫކޮށްފައިވަނީ 18 މެއި 2026 ގައެވެ.
މި ލައިސަންސް ދޫކޮށްފައިވަނީ 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށްޓަކައި 19 މެއި 2025 ގައި އެ ފަރާތަށް ދޫކުރި، ލައިސަންސް ދިނުމުގެ ކުރިން ދޭ ހުއްދައިގެ ދަށުން އެމްއެމްއޭ އިން ކަނޑައެޅި ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމާ ގުޅިގެންނެވެ.
އަދި މި ހުއްދަ ދޫކޮށްފައިވަނީ ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ގޮތަށް ބޭންކުގެ ނަމާއި، އޭގެ މިލްކުވެރިކަމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކުގައެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ކޮމާޝަލް ބޭންކިންގ ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، ބޭންކިންގ ސިނާއަތުގެ ވާދަވެރިކަން ބޮޑުކޮށް، އާންމު ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
އެމްއެމްއޭގެ އަމާޒަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބޭންކިންގ ލައިސަންސް ދޫކުރުމާއި ސުޕަވައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ފަދަ ވާދަވެރި އަދި ދެމެހެއްޓެނިވި މާލީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްފައި ބޭއްވުން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
Ads by MACL
