ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު އަމީން
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް ސީދާ ވައިގެ ދަތުރުފަތުރުތައް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިޤްތިޞާދީ ދާއިރާއަށް އާ ދިރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މި ފެށި އައު ރޫޓާއެކު ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާކަން ހާމަކުރައްވަމުން ވަޒީރު މިހެން ވިދާޅުވީ، ދަތުރުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މި ސީދާ ދަތުރުތަކަކީ ފަތުރުވެރިން އިތުރުކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ކޮޅުތަކުން އައު މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަކީ މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކުރީގައި އުޅޭ އެއް މާކެޓަށް ވާއިރު، މިފަދަ ސީދާ ދަތުރުތަކެއް ފެށުމުން އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރަށް މަތިވެގެންދާނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ. އަދި މެލްބާން އާއި މާލެއާ ދެމެދު އޮޕަރޭޓްކުރާ މި ފްލައިޓްތަކުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގެ އިތުރުން، ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށްވެސް ނުހަނު ބޮޑެތި ފައިދާތަކެއް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވިއަންގެ ފްލީޓަށް "ވައިޑް ބޮޑީ" މަތިންދާބޯޓު ތައާރަފްކުރުމަކީ ރާއްޖޭގެ ޖުމްލަ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އޮސްޓްރޭލިއާގެ މެލްބާން އިން ފުރައިގެން ސީދާ ރާއްޖެއަށް ދަތުރުކުރި މި ފުރަތަމަ ފްލައިޓް އޮޕަރޭޓްކޮށްފައިވަނީ މުޅިންވެސް ދިވެހި ކްރޫއިންނެވެ.
Ads by MACL
