ޙައްޖާޖީންނަށް ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފި
1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
އެއަރޕޯޓް ބަލަހައްޓާ ކުންފުނިން މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.
މި އަހަރު ރާއްޖެއިން ފުރާ ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ފްލައިޓްތަކުން ފުރާ ހުރިހާ ޙައްޖާޖީންނަށްވެސް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ޚާއްޞަ ލުއިފަސޭހަތަކެއް ލިބޭނެ އިންތިޒާމްތައް ވަނީ ފަހިކޮށްދީފައެވެ. މި ފްލައިޓްތައް ވީއައިއޭއިން ފުރުމަށް ތާވަލުކޮށްފައިވަނީ މޭ މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
މީގެތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ސައުދިއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރާނެއެވެ. އެ ދުވަހު ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ޙައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ.
މޭ މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީންގެ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ޑްރޮޕް އޮފް ސަރަހައްދަށެވެ. އަދި މި ދުވަސްތަކުގައި ފުރާ ޙައްޖުވެރިން ފުރުމުގެ ކުރިން މަޑުކޮށްލައިގެން ތިބުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން އެއްވެސް ދަތިކަމެއް ނެތްގޮތަށް، ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ ޚާއްޞަ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
Ads by MACL
