ހުރިހާ އަތޮޅަކުން އެސްޓީއޯގެ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތައް މެދުވެރިކޮށް، އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިއްމު ވައުދުފުޅެއް ކަމަށާއި، މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ މަސްވެރިންނަށް ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން މިހާރު އެފްއެސްއެމްގެ ޝެޑުތައް ގާއިމުކޮށް، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި ވިއުގަ ގާއިމުކޮށް އެސްޓީއޯގެ ރޭޓުގައި ތެޔޮ ކަށަވަރުކޮށްދެވުނު ނަމަވެސް، ލޮޖިސްޓިކްސްގެ ބައެއް ކަންކަން މުޅިން ފުރިހަމަނުވާތީ ބައެއް ފަހަރު ތެޔޮ ލިބުން ލަސްވުމުގެ ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ނަމަވެސް މަސްވެރިންނަށް ދަތިނުވާނެ މިންވަރަށް އެކަންކަމަށް އަހަންމިއްޔަތުކަން ދީގެން ތެޔޮ ފޯރުކޮށްދެމުންދާ ކަމަށާއި، އެސްޓީއޯއިން އެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެނީ ސަބްސިޑީއާއެކު ހެޔޮ އަގެއްގައި ކަމަށްވުމުން، މިއީ މަސްވެރިންނަށް ދާއިމީގޮތެއްގައި މަހަށް ފުރައިގެން އާމްދަނީ ހޯދުމަށް ލިބުނު ބޮޑު ލުޔެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ޝެޑުތައް ގާއިމުކުރުމުގެ މި ބޮޑު މަޝްރޫއު ރައީސް ޑރ. މުއިއްޒު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ މަސްވެރިންގެ ދުވަހުއެވެ. އޭގެ ފަހުން ކުރެވުނު ހަލުވި މަސައްކަތްތަކުން މިހާރު ވަނީ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، މަސްވެރިންނަށް ދޭ ތެލުގެ އަގު ސަބްސިޑައިޒްކުރަން ސަރުކާރުން ނިންމި ފަހުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 1،832 އުޅަނދަކަށް، 2.5 މިލިއަން ލީޓަރުގެ ތެޔޮ މި ލުއި އަގުތަކުގެ ދަށުން ދޫކުރެވިފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
Ads by MACL
