މިއަހަރުގެ އަމީރުލް ޙައްޖަކަށް މިނިސްޓަރު ސަޢީދު ހަމަޖައްސަވައިފި
މިއަހަރު ރާއްޖެއިން މައްކާއަށްދާ ޙައްޖުވެރިންގެ އެންމެ އިސްވެރިޔާ ނުވަތަ އަމީރުލް ޙައްޖުގެ މަޤާމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިސްކުރައްވައިފިއެވެ.
ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަން އެންމެ މަތީ ފަންތީގައި ބެލެހެއްޓެވުމަށްޓަކައި ޚާއްޞަ ބޭފުޅަކު އަމީރުލް ޙައްޖެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރެކެވެ.
މި ފަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސް، އެޤައުމުގައި ވަޒަންވެރިވެފައެވެ. 1447 ވަނަ އަހަރުގެ މި ދަތުރުގައި ދިވެހިން ސަޢުދީއަށް އުފުލާފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދެ ފްލައިޓަކާއި، ސަޢުދީއާ އެއަރލައިންސްގެ ދެ ފްލައިޓެއްގައެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ރަސްމީކޮށް ދޫކުރަމުން އަންނަނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރުގެވެސް ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް އެއްވެސް ދަތިކަމެއް ނެތް ގޮތެއްގައި، އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ޙައްޖު މިޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިހާރުވެސް ދަނީ ސަޢުދީގައި ހަރަކާތްތެރިވަމުންނެވެ.
Ads by MACL
