ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒަމާންތަކެއް ވަންދެން ރާއްޖޭގެ ކަނޑުމަހުން ނަގަމުންއައި ޓެރިފް ކަނޑާލަން އިނގިރޭސި ސަރުކާރުން ނިންމައިފި!

ޒަމާންތަކެއް ވަންދެން ރާއްޖޭގެ ކަނޑުމަހުން ނަގަމުންއައި ޓެރިފް ކަނޑާލަން އިނގިރޭސި ސަރުކާރުން ނިންމައިފި!

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ ޑިއުޓީ، 2026 މޭ 20 އިން ފެށިގެން އެ ގައުމުގެ ސަރުކާރުން އެއްކޮށް އުވާލައިފިއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

މި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިޤްތިޞާދަށް އާ ދިރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ދުނިޔޭގެ ނަމޫނާ ޤައުމަކަށް ރާއްޖެ ވާއިރު، މި ބަދަލާއެކު އިނގިރޭސި ބާޒާރުގައި ދިވެހި މަހަށް އޮތް ފުރުޞަތުތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ގުޅުން ރަންގަޅަށް ހާމަކޮށްދޭ އަދި ދެ ގައުމުންވެސް ދެމެހެއްޓެނިވި ވިޔަފާރިއަށް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މުހިންމު ނިންމުމެކެވެ.

މި ނިންމުމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ނިކް ލޯ ވެސް ވަނީ މިއީ ދެ ގައުމަށްވެސް ލިބުނު ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެރިފް ކަނޑާލުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓްތައް ހުޅުވިގެންދާނެއެވެ.